މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު އަށް ޕަސެންޓް އިތުރުވެފައިވާ އިރު، ރާއްޖެ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު 28 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު އަށް ޕަސެންޓް އިތުރުވެފައިވާ އިރު އެމުދަލުގެ އަގު 8.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މިދިޔަ އަހަރުގެ އެމުއްދަތުގައި ރާއްޖެ އަށް އެތެރެކޮށްފައި ވަނީ އަށް ބިލިއަން ރުފިޔާގެ މުދަލެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އިން މުދާ އެކްސްޕޯޓްކުރި މިންވަރު 28 ޕަސެންޓް އިތުރުވެފައިވާ އިރު އެ މުއްދަތުގައި ރާއްޖެ އިން ވަނީ އެއް ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 780 މިލިއަން ރުފިޔާގެ މުދަލެވެ.

އޭޕްރީމް މަހުގެ ނިޔަލަށް ރާއްޖެ އިން މުދާ އިމްޕޯޓް ކުރި މިންވަރާއި އެކްސްޕޯޓް ކުރި މިންވަރު އިތުރުވެފައިވާ އިރު އެ މުއްދަތުގެ ތެރޭގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސް އަށް ވަނީ އާމްދަނީގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ކަސްްޓަމްސް އަށް ލިބިފައި ވަނީ 427 މިލިއަން ރުފިޔާ ކަމުން އެއީ 15 ޕަސެންޓްގެ އިތުރުވުމެކެވެ.