28 Oct 2010, 08:36
މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދެކުނު އޭޝިޔާގެ ޒުވާނުންގެ މެދުގައި ބާއްވާ ސަރަހައްދީ ދެވަނަ ބައްދަލުވުން މިއަދު ހެނދުނު ސްރީލަންކާގެ ވެރިރަށް ކޮލްމްބޯގައި ފަށައިފި އެވެ.
"ސައުތު އޭޝިޔަން ޔޫތު ސަމިޓް އޮން ކްލައިމެޓް ޗޭންޖް" ނަމުގައި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސުބޯދީ އިންސްޓިޓިއުޓްގައި ކުރިއަށްދާ ތިން ދުވަހުގެ މި ބައްދަލުވުމަކީ، ދެކުނު އޭޝިޔާގެ ގައުމުތަކުގައި ހިންގަމުންދާ މޫސުމާ ބެހޭ ތަފާތު ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ ސަރަހައްދީ ނެޓްވޯކްއަކުން އިންތިޒާމްކުރާ ބައްދަލުވުމެކެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކުން 35 ޒުވާނުން ބައިވެރިވާ މި ބައްދަލުވުން އިންތިޒާމްކުރުމުގައި ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވަނީ މޯލްޑިވިއަން ޔޫތް ކްލައިމެޓް ނެޓްވޯކް (އެމްވައިސީއެން) އެވެ. މި ބައްދަލުވުމުގައި އެމްވައިސީއެންގެ ފަރާތުން ދިވެހި ހަތް ޒުވާނަކު ރާއްޖެ ތަމްސީލުކުރެ އެވެ.
އެމްވައިސީ މެންބަރުންގެ ތެރޭގައި ހިމެނެނީ ހައްވާ ލުބްނާ އާއި ހުސެއިން ޒިއާއު އާއި ހުވަދޫ އެއިޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އިމާދު މުހައްމަދާއި ހުވަދޫ ޔޫތް އެންޑް ސްޕޯޓްގެ ޑައިރެކްޓަރު ހަސަން ހައިސަމާއި ހުވަދޫ އެއިޑްގެ ރިސޯސް ޑައިރެކްޓަރު ޔާމީން މުހައްމަދާއި އެމްވައިސީގެ ކޯ ފައުންޑަރު މެންބަރު ސިނާދު ސަޢީދު އަދި އެމްވައިސީގެ ކޯ ފައުންޑަރު މެންބަރު އައިޝާ ނިޔާޒު އެވެ.
މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރަނީ، އިމާދު މުހައްމަދާއި، ހަސަން ޒިޔާއުއާއި، ޔާމީން މުހައްމަދާއި، ހަސަން ހައިޝަމާއި، މުހައްމަދު ޝިނާޒް ސައީދާއި، ހައްވާ ލުބްނާ އަދި އައިޝާ ނިޔާޒެވެ.
ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ މައްސަލަތަކާ ގުޅޭ ގޮތުން އެހެނިހެން ގައުމުތަކުގެ ޒުވާނުންނާ މަޝްވަރާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ބައިވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެމްވައިސީއެންގެ ކޯފައުންޑަރު އައިޝާ ނިޔާޒް ވިދާޅުވީ، މި ސަރަހައްދީ ބައްދަލުވުމަކީ އެންމެން އެކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވެގެން، ދެކުނު އޭޝިޔާގެ ގައުމުތަކަށް މޫސުމީ ގޮތުން ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖެ އަށް ވެސް އެކަމުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަން އައިޝާ ފާހަގަކުރެއްވި އެވެ.
އެގޮތުން މޫސުމީ ކަންކަމާ ގުޅޭ ގޮތުން ގައުމުތަކުގެ ޒުވާނުންގެ މެދުގައި ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރެވި، މޫސުމީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާވެތިބުމަށް މަގުފަހިވެގެންދާނެ އެވެ.
"މިސާލަކަށް ބުނާ ނަމަ އިންޑިޔަން ޔޫތު ކްލައިމެޓް ނެޓްވޯކަކީ މި ސަރަހައްދަށް ބަލާއިރު، މޫސުމީ ކަންކަމުގައި އެންމެ ތަޖުރިބާހުރި އެއް ނެޓްވޯކް. އެހެންވެ އިންޑިއާގެ ޒުވާނުންނާ އަދި ހަމަ އެހެން ގައުމުތަކުގެ ޒުވާނުންނާ އެކީގައި މަޝްވަރާކޮށް އަޅުގަނޑުމެން ދިވެހިންނަށް ގިނަ ކަންކަން ދަސްކުރެވޭނެ. ޒުވާނުންގެ ކެޕޭސިޓީ އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރެވޭނެ. މޫސުމީ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން އަމަލީ ގޮތުން ހަރަކާތްތެރިވާނެ ޒުވާނުންތަކެއް އުފެއްދޭނެ" ތިމާވެށީގެ ރޮނގުން ތައުލީމް ހާސިލްކުރައްވާފައިވާ އައިޝާ ވިދާޅުވި އެވެ.
ފުރަތަމަ ސައުތު އޭޝިޔަން ޔޫތު ސަމިޓް އޮން ކްލައިމެޓް ޗޭންޖް އޮތީ މިދިޔަ އަހަރު ނޭޕާލުގަ އެވެ. އެ ސަމިޓުގައި ވެސް ރާއްޖެ އިން ބައިވެރިވި އެވެ.