28 May 2013, 14:39
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކަށް ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.
އިޖުރާއި ނުކުތާތަކާ މެދު ހައިކޯޓުން ގޮތެއް ނިންމަން ބާއްވާ ޝަރީއަތުގެ މަޖިލީސް ޝެޑިއުލް ކޮށްފައި ވަނީ މާދަމާ 2:45 އަށެވެ.
އިޖުރާއީ ނުކުތާތަކާ މެދު މެދު ހައިކޯޓުން ގޮތެއް ނިންމަން ބާއްވާ ޝަރީއަތުގެ މަޖިލީސް އަވަސް ކޮށްދިނުމަށް ޖޭއެސްސީން ވެސް މީގެކުރިން ހައިކޯޓުގައި އެދިފައިވެ އެވެ.
ޖޭއެސްސީގެ އިޖުރާއީ ނުކުތާގައި ބުނެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށެވެ. އެހެންކަމުން އެންމެ މަތީ ކޯޓުން ނިންމާ ނިންމުމެއް ހައިކޯޓުގައި ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ޖޭއެސްސީގެ އިޖުރާއީ ނުކުތާގައި ވަނީ ފާހަގަކޮށްފަ އެވެ.
ޖޭއެސްސީގެ އިޖުރާއީ ނުކުތާއަށް ރައްދު ދެއްވައި ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެމަތިން ކަމަށް ޖޭއެސްސީން ބުނާއިރު، ސުޕްރީމް ކޯޓަށް އެއްވެސް ފަރާތަކަށް ގާނޫނީ ލަފާ ނުދެވޭނެކަން މީގެކުރިން އެ ކޯޓުން ނިންމާފައިވާ ނިންމުމެއްގައި ބުނެފައިވާ ކަމަށެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްޚަ ކަމާމެދު ގޮތެއް ނިންމޭނީ ޝަރުއީ ކޯޓުތަކަށް ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމުގެ ބާރު ހައިކޯޓަށް ލިބިގެންވާކަން އެކަމުން ވެސް އެނގިގެންދާކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.