ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދު އާއި އދ. ކުޑަރަށުން ކުލި ނުދައްކައިގެން، ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްގެ މުއްދަތު މިއަދު ހަމަވިއިރު އެ ފައިސާ ދައްކާފައި ނުވާތީ ސަރުކާރުން އެ ދެ ރިސޯޓު އެގްރިމަންޓް އުވާލައިފި އެވެ.

ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުން ވެސް އެ ދެ ރިސޯޓަކުން ފައިސާ ދައްކާފައިނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް މިދިޔަ ޑިސެމްބަރު މަހު ފޮނުވާފައިވެ އެވެ.

ކުއްޔާއި ޖޫރިމަނާ ނުދައްކައިގެ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރިސޯޓެއްގެ އެގްރިމަންޓް ސަރުކާރުން އުވާލާފައެއްނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިން ހިންގާ ދެ ރިސޯޓުގެ އެގްރިމަންޓް އުވާލާފައި ވަނީ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްއާ އެއްގޮތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުލި ދައްކާފައި ނުވާތީ ކަމަށެވެ.

"ފުރަތަމަ ނޯޓިސް ފޮނުވުމުން ކުލި ތިން އަހަރަށް ބަހާލައި އަދި ޖޫރިމަނާ ދިހަ އަހަރަށް ބަހައި ދިނުމަށް ފަހު، އެއްބަސްވީ ކުލި ދައްކަން. ނަމަވެސް ކުލި ނުދެއްކުމުން ދެވަނަ ފަހަރަށް ނޯޓިސް ފޮނުވުމުން ވެސް ފައިސާ ނުދެއްކުމުން އެއްބަސްވުން އުވާލީ. އަދި އެ ދެ ރިސޯޓާ ހަވާލުވާން އަޅުގަނޑުމެން މިހަފުތާގައި ދާނަން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އަލިދޫގެ އެގްރިމަންޓްގައިވާ ގޮތުން ޓޫރިޒަމްގެ ޓީމް އެ ރަށަށް އަރާތާ ހަތް ދުވަހުގެ ތެރޭގައި ރަށް ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި ކުޑަރަށުގެ އެގްރިމަންޓްގައިވާ ގޮތުން އެ ރަށަށް އެރުމާ އެކު ރަށް ހަވާލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލިދޫގައި ޓޫރިސްޓުން އެބަތިބި. ނަމަވެސް ކުޑަރަށް އަލުން މަރާމާތުކުރަން އޮތީ ބަންދުކޮށްފައި. އެ ދެ ރަށް ހިންގަން އަލުން ބިޑަށްލާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޮޓް ޓުއާސްއަށް ނޯޓިސް މިދިޔަ އަންގާރަ ދުވަހު ފޮނުވީ އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ރިސޯޓް ހިންގުމަށް ސަރުކާރާއެކުވެފައިވާ އެއްބަސްވުން އުވާލުމަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ނުދައްކާ އެބައޮތް ކަމަށެވެ.