28 May 2013, 13:38
މިޔަރު ހިމާޔަތްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެކުލެވޭ ސިޔާސަތެއް ކަނޑައެޅުމުގެ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ފެއިލްވެފައިވާ ކަމަށް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އެންޖީއޯ ގްރީންޕީސް އިން ބުނެފި އެވެ.
މި މަހުގެ ތެރޭގައި މޮރިޝަސްގައި ބޭއްވުނު އައިއޯޓީސީގެ ބައްދަލުވުމަށް ފަހު ގްރީންޕީސް އިން ބުނީ ފެހުރިހު (ވޭލް ޝާކް)، ބޮޑު މަސް އަދި ޑޯލްފިން ފަދަ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ބައެއް ކަންކަމަށް އައިއޯޓީސީ އިން އެއްބަސްވެފައިވާ އިރު މިޔަރުގެ ބާވަތްތައް ހިމާޔަތްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
އަދި މިޔަރުގެ އުރަހައިގެ ވިޔަފާރި ހުއްޓުވުމަށް ޓަކައި ވެސް އެކަށީގެންވާ މަސައްކަތްތަކެއް އައިއޯޓީސީ އިން ކުރަމުންނުދާ ކަން ގްރީންޕީސް އިން ވަނީ ފާހަގަކޮށްފަ އެވެ.
އިންޑިއާ ކަނޑުގައި ކުރެވޭ މަސްވެރިކަމުގެ ބަލަދުވެރި އެޖެންސީ ކަމަށްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން އިންޑިއާ ކަނޑުގައި ކުރެވޭ ކަޅުބިލަ މަހާއި ކަންނެލީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ބޭނުންވާ މެކޭނިޒަމެއް ގާއިމްކޮށްފައިނުވާ ކަން ގުރީންޕީސް އިން ވަނީ މީގެ ކުރިން ވެސް ފާހަގަކޮށްފަ އެވެ.
މިގޮތުން އައިއޯޓީސީގައި ހިމެނޭ ސްރީލަންކާގެ މަސްބޯޓުތަކުން ހިމާޔަތްކޮށްފައިވާ ޑިއެގޯ ގާސިއާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމާއި އެހެނިހެން ސަރަހައްދުތަކުން ވަގަށް މަސްވެރިކަން ކޮށްފައިވާ ކަން ގްރީންޕީސްގެ ތަހުގީގަށް ހޯދިފައިވާ ކަމަށް އެޖަމިއްޔާ އިން ބުނެފައިވެ އެވެ.
އައިއޯޓީސީގެ މަސައްކަތައް ގްރީންޕީސް އިން ފާޑުކިޔާފައިވާ އިރު، އެ ޖަމިއްޔާ އިން ވަނީ މޮރިޝަސްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖެ އިން ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފަ އެވެ.
މިގޮތުން އިންޑިއާ ކަނޑުގައި ހިމެނޭ މަހުގެ ސްޓޮކްތައް މަދުވުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ އިސްނެގުމުގެ ދަށުން އައިއޯޓީސީ އިން އެއްބަސްވެފައިވާ ކަން ގްރީންޕީސް އިން ފާހަގަކުރެ އެވެ.
ގްރީންޕީސް އިން ބުނީ އިންޑިއާ، ސްރީލަންކާ، އިންޑޮނޭޝިއާ އަދި އޮމާން ފަދަ ގައުމުތަކުން އެގައުމުތަކުގެ މަސްބޯޓުތައް ކޮންޓްރޯލްކޮށް ރަނގަޅަށް މެނޭޖުކުރުމަށް ދެކޮޅު ހަދަމުންދާކަމަށް ގްރީންޕީސް އިން ތުހުމަތުކުރެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރަނގަޅަށް މެނޭޖްނުކުރެވޭ ނަމަ، އެމަސްވެރިކަމަށް ބަރޯސާވާ ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތްތާގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.