28 May 2013, 13:29
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ވަޒީފާއިން 2010 ވަނަ އަހަރު ވަކިކުރި މިރުފަތު ފާއިޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފި އެވެ.
މިރުފަތަށް ވަޒީފާ ދިނުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ފުލުހުންގެ ވަޒީފާއިން މިރުފަތު ވަކިކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށް ތަހުގީގު ކުރުމުގައި ފުލުހުންގެ އިދާރާއިން ގާނޫނާއި ގަވާއިދާއި ޚިލާފަށް ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އޭނާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އޭގައި ހުރި ކަންތައްތަކަށް ބަލައި މިރުފަތުގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މިރުފަތު ވަޒީފާއިން ވަކިކޮށްފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އޭނާ ހުށަހެޅި ޝަކުވާގެ ސިޓީގައި ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވެން ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށް މިރުފަތުގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ވާއިރު ވަޒީފާއިން އޭނާ ވަކިކުރުމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކީ ގާނޫނާއި އެއްގޮތަށް ލިބިފައިވާ މައުލޫމާތަކަށް ނުވާތީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ.
ފުލުހުންގެ ގާނޫނުގައި ބުނާގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރާ ތަހުގީގަކާއި ގުޅިގެން އެ ކޮމިޝަނަށް ލިބިފައިވާ ހެއްކާއި މައުލޫމާތު، އެހެން އެއްވެސް މައްސަލައެއްގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އޭނާ ފުލުހުންގެ ވާޒީފާއިން ވަކިކޮށްފައި ވަނީ ޖޫން 2010 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.
ކުރިން އަދާކުރި ވަޒީފާ ނޫންނަމަ އެއާއި އެއްވަރުގެ އެހެން ވަޒީފާއެއް މިރުފަތަށް ދިނުމަށާއި އޭނާއަށް ވަޒީފާ ލިބުމާއި ހަމަޔަށް ލިބެންޖެހޭ މުސާރައާ އިނާޔަތްތަށް މިއަދުން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި ދިނުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. މީގެ އިތުރުން މަގާމުގެ ކުރިއެރުން ލިބުމުގައި ވެސް ޚިދުމަތް މެދުކެނޑިފައިވާ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ ކުރިއެރުންތައް އޭނާއަށް ދިނުމަށް ވެސް ހުކުމްކުރި އެވެ.