ގައުމާއި ދީނުގެ ނަމުގައި ކަމަށް ބުނެ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ ތަފާތު އެކި ވާހަކަތަކުގެ ސަބަބުން ރާއްޖެ އާ ދޭދޭ ގައުމުތަކާއި ދެމެދުގެ ގުޅުން ގޯސްވެފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އާއި ދޭދޭ ގައުމުތަކާ ދެމެދުގައިވާ ގުޅުން ގޯސްވެފައި ވުމުގެ ސަބަބުން ތަރައްގީގެ މަގުގައި ރާއްޖެ އަށް ލިބެން އޮތް އެތައް ކުރިއެރުންތަކެއް ހުއްޓިފައިވާ ކަމަށެވެ.

"ގައުމަށްޓަކާއި ދީނަށްޓަކާއޭ ވިދާޅުވެ އަޅުގަނޑުމެންގެ ދޭދޭ ގައުމުތަކާއި ދެމެދުވާ ގުޅުން މިވަނީ ހަރާބު ކޮށްފައި. އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެނަށް ތަރައްގީގެ މަގުގައި ދެވެން އޮތް ގިނަ މަގުތަކަށް ހުރަސް އަޅާފައި. އަޅުގަނޑުމެން މިވަނީ ކަނު ބަނދެވިގެން ތިބެ ފުން އަނދަވަޅަކަށް ވެއްޓެންދާ ބައެއްގެ ގޮތުގައި ވެފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އަށް ލިބޭ އާމުދަނީ އަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީ ކުރަން ވިސްނައިފި ނަމަ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް ޓަކައި އެތައް އަހަރު ތަކަކަށް އިންތިޒާރު ކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ގޮތުންނާއި އިޖުތިމާއި އަދި އިގްތިސާދީ ގޮތުން ވެސް ރައްޖެ އަށް މިހާރު އައިސްފައިވާ ބަދަލުގެނެސްފައި ވަނީ އެމްޑީޕީން ކަމަށާއި ތަރައްގީގެ މަގުގައި ރާއްޖެ މިހާރު ޖަހާފައިވާ މިސްރާބަކީ އެމްޑީޕީން ގެނައި ތަރައްގީގެ އުސޫލުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ކުރަމުންދާ މަސައްކަތްތަކާއި އެންމެހާ ކަންކަމުގެ މައިގަނޑު ތަރަހައަކީ، އަސާސަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. މި ރާއްޖެ މިއަދު މިސްރާބުޖަހާފައި މިހިރީ މި ޕާޓީގެ ތަރަހައިގެ މަތީގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެން ސިޔާސީ ޕާޓީތަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށް ބުނަމުން ގެންދާ ސިޔާސަތުތަކަކީ އެމްޑީޕީގެ ސިޔާސަތު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.