28 May 2013, 12:50
ރާއްޖޭގައި ތިބި ބީޓާ ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށް އިޓަލީ ސަރުކާރުން މި އަހަރު ދިން 10 ފުރުސަތުގެ ތެރޭގައި ހިމެނޭ ފުރަތަމަ ކުއްޖާ ރޭ އިޓަލީގެ ރޯމް އަށް ފުރައިފި އެވެ.
އަހަރަކު ތެލަސީމިޔާގެ 10 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމުގެ އެއްބަސްވުމެއްގައި އިޓަލީން ދިވެހި ސަރުކާރާ އެކު 2010 ވަނަ އަހަރު ވަނީ ސޮއިކޮށްފަ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑެޕިއުޓީ ޑައިރެކްޓަރު ފައިސަލް އިބްރާހިމް މިއަދު ވިދާޅުވީ ރޭ އިޓަލީގެ ރޯމް އަށް ފުރީ އާމިނަތު ރައުލާ ނިޒާރު ގދ. ފަރެސް ޕެރޯ 16، ކަމަށެވެ. އޭނާ ވިދާޅުވީ ރައުލާގެ އިތުރުން ރައުލާގެ މަންމަ އާއި ބައްޕަ އާއި ޑޯނާއެއްގެ ގޮތުގައި ގެންދާ ރައުލާ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި އަދި އެ ދެމަފިރިންގެ ހުރި ތުއްތު ކުއްޖަކު ވެސް ރޭ އިޓަލީ އަށް ފުރި ކަމަށެވެ.
ފައިސަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެންމެ ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދޭ ގައުމެއްގެ ގޮތުގައި އިޓަލީ ފާހަގަ ކުރެވިފައިވާތީ ހުރިހާ ބެލެނިވެރިން ވެސް ބޭނުން ވަނީ އިޓަލީން ބޯންމެރޯ ހަދަން ކަމަށެވެ.
"ރައުލާ އާ އެކު ރޭ 11:40ގައި އޭނާގެ މަންމަ އާއި ބައްޕަ ވެސް ދިޔަ. އަދި އޮޕަރޭޝަންނަށް ބޭނުންވާ މަދު ނެގުމަށް އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޑޯނާއެއްގެ ގޮތުގައި ދިޔަ. ދެން މި ދިޔައީ ރަށުގައި ނުބެހެއްޓޭ ވަރުގެ ތުއްތު ކުއްޖެއް. ރޭ ފުރައިގެން މިއަދު 7:30ގައި އިޓަލީގެ ރޯމަށް ދެވިއްޖެ އެމީހުންނަށް. މިއީ މި ބުރުގެ ފުރަތަމަ ކުއްޖާ. ދެން ބާކީ ތިބި ކުދިންނަށް ވެސް ފުރުސަތު ލިބޭނެ،" ފައިސަލް ވިދާޅުވި އެވެ.
އަމިއްލަ ގޮތުންނާއި ސަރުކާރުގެ އެހީގައި މިހާތަނަށް 37 ކުއްޖަކު ބޯންމެރޯ ހަދާފައިވާ ކަމަށާއި އޭގެ ތެރޭގައި އިޓަލީން ބޯންމެރޯ ހަދާފައި ވަނީ ޖުމްލަ 15 ކުދިން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ 15 ކުދިންގެ ތެރެއިން ދެ ކުއްޖަކު ނިޔާވެފައިވާ އިރު އެއް ކުއްޖަކު ބޯންމެރޯ ހެދުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ނުވެގެން ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ އިންޑިއާގެ ވެއްލޫރުން 19 ކުއްޖަކު ބޯންމެރޯ ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން އަށް ކުއްޖަކު މިހާތަނަށް ނިޔާވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ ބެންގަލޫރުން އެއް ކުއްޖަކު ބޯންމެރޯ ހަދާ އެ ކުއްޖާ ދުނިޔޭގައި އެބަހުރި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންގެ ތެރެއިން އިންޑިއާ އާއި އިޓަލީ ފިޔަވައި ބެންކޮކުން ވެސް ދެ ކުއްޖަކު ބޯންމެރޯ ހަދާފައިވާ އިރު އަދި އެ ދެ ކުދިން ވެސް ދުނިޔޭގައި ސަލާމަތުން އެބަތިބި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ގޮތުގައި 776 ކުދިން ރެޖިސްޓްރީކޮށްފައިވާ އިރު އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 575 ކުދިން ކަމަށާއި އަދި އޭގެ ތެރެއިން 423 ކުދިން ދިރި އުޅެނީ ރާއްޖެ ތެރޭގެ އެކި ރައްރަށުގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އިޓަލީ ސަރުކާރާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭސް ވަރުވާ އާ ތިބުމުގެ ޚަރަދު ފޯރުކޮށްދޭނީ އެ ގައުމުންނެވެ. ފައިސަލް ވިދާޅުވީ ރައުލާގެ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ޚަރަދުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ފަހަރު އިޓަލީއަށް ފޮނުވާ އަނެއް ނުވަ ކުދިންގެ ވެސް ޓިކެޓް ސްޕޮންސާ ކޮށްފައި ވަނީ ވިލާ ފައުންޑޭޝަނުން ކަމަށެވެ. އަދި ރައުލާ އާއި އޭނާގެ އާއިލާގެ ޓިކެޓް ވެސް ދިނީ އެ ފައުންޑޭޝަނުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.