ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ކުލަބް އީގަލްސްއަށް ފޯވާޑަކާއި މިޑްފީލްޑަރެއް ހޯދުމަށްއެދި ކުލަބުގެ މެނޭޖްމަންޓުގައި އެދިފައި ވާނެ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ބުނެފި އެވެ.

ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި މިދިޔަ އާދިއްތަ ދުވަހު ވީބީ އަތުން އީގަލްސް 1-1 ލަނޑުން އެއްވަރުވި މެޗަށްފަހު ނޫސްވެރިނާ ވާހަކަ ދައްކަމުން ސާންތީ ބުނީ ޓްރާންސްފާ މާކެޓްގައި ވެސް އީގަލްސްއަށް ގެންނާން ނިންމާފައި ވަނީ މުޅިންވެސް ދިވެހި ކުޅުންތެރިން ކަމަށާއި އެގޮތުން ކުލަބަށް މިވަގުތު ބޭނުން ވަނީ ރަނގަޅު ފޯވާޑަކާއި މިޑްފީލްޑަރެއް ކަމަށެވެ.

"ޓްރާންސްފާ މާކެޓްގައި ބިދޭސީ ކުޅުންތެރިއެއް އީގަލްސްއަކުން ނުގެންނާނެ. އެކަމަކު ލޯކަލް ދެ ކުޅުންތެރިން ބޭނުން ވާކަމަށް މިހާރު ވާނީ މެނޭޖްމަންޓުގައި އެދިފަ. އެ ދެކުޅުންތެރިން ނަކީ ފޯވާޑަކާއި މިޑްފީލްޑަރެއް،" ސާންތީ ބުންޏެވެ.

މިދިޔަ އަހަރު އީގަލްސް އަށް އިރުޝާދު ދިނުމަށް ފަހު، ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި އަލުން އީގަލްސްގެ ކޯޗް ކަމާ ހަވާލުވި ސާންތީ ބުނީ، ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ވެސް އީގަލްސްގެ ފުރަތަމަ ޓާގެޓަކީ ރެލިގޭޝަނުން ސަލާމަތް ވުން ކަމަށެވެ.

ދިރާގު ދިވެހިލީގުގައި މިހާތަނަށް އީގަލްސްއިން ޖުމްލަ އަށް މެޗް ކުޅެފައިވާއިރު، ލީގް ތާވަލްގައި އީގަލްސް އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ މަގާމްގަ އެވެ. އަދި ލީގުގެ އެއްވަނަ މަގާމްގައި 24 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ.