ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އިޓަލީގެ ނަޕޯލީގެ އާ ކޯޗަކަށް ޗެލްސީގެ ކޯޗު ސްޕެއިނުގެ ރަފައަލް ބެނިޓޭޒް ހަމަޖައްސައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަޕޯލީން ބެނިޓޭޒްއަށް އަހަރަކު 3.5 މިލިއަން ޔޫރޯގެ މުސާރައެއް ދޭނެ ކަމަށް ބުނެފައި ވެއެވެ.

ނަޕޯލީގެ ކޯޗްކަން ބެނިޓޭޒްއާ ހަވާލުކޮށްފައިވާކަމަށް ބުނެ އެކުލަބުގެ ރައީސް އޯރްލިއޯ ޑި ލޯރެންޓިސްއާ ހަވާލާދީ ސްޕެއިންގެ ކުޅިވަރު ނޫސްތަކުގައި ބުނެފައި ވަނީ ބެނިޓޭޒްއަށް ނަޕޯލީގެ ކޯޗްކަން ހަވާލުކޮށްފައި ވަނީ ކޯޗް ކަމުން ވަލްޓާ މަޒާރީ ވަކިވުމުން ކަމަށެވެ. އަދި ބެނިޓޭޒްއަކީ ނަޕޯލީއަށް ކާމިޔާބު ހޯދާދެވޭ ވަރުގެ މޮޅު ކޯޗެއް ކަމަށް ވެސް ރައީސް އޯރެލިއޯ މީޑިއާގައި ބުނެފައި ވެއެވެ.

ސްޕެއިންގެ ވެލެންސިއާ އަށް ދެ ފަހަރު ސްޕެނިޝް ލީގާއި ޔުއެފާ ކަޕް އަދި ލިވަޕޫލަށް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް މީގެ ކުރިން ކާމިޔާބުކޮށްދީފައިވާ ބެނިޓޭޒް ވަނީ މިސީޒަންގައި ޗެލްސީގެ ވަގުތީ ކޯޗް ކަމާއިވެސް ހަވާލުވެ، ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް ޗެލްސީ ގެންގޮސްދީފައެވެ. އަދި ބެނިޓޭޒް ވަނީ ޗެލްސީއަށް ޔޫރޮޕާ ލީގު ވެސް މި ސީޒަންގައި ކާމިޔާބުކޮށްދީފަ އެވެ.