ސީޓީ ސްކޭނާއި އެތެރެހަށީގެ ތަފާތު ޓެސްޓްތައް ހަދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސިންގަޕޫރު ކުންފުންޏެއް ކަމުގައިވާ ޓެލެރޭޑިއޮލޮޖީ ސޮލިއުޝަންސް އާއި އައިޖީއެމްއެޗް ގުޅި، ހިދުމަތް ދިނުމާ ބެހޭ އެގްރީމަންޓެއްގައި ސޮއިކޮށްފި އެވެ.  


ސަންއެފް އެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން އައިޖިއެމްއެޗްގެ ސީއީއޯ ޒުބޭރު މުހަންމަދު މިއަދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރާނީ ސީޓީ ސްކޭނު ފަދަ މަސައްކަތްތައް ކުރުމުގައި އައިޖީއެމްއެޗަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ކުންފުންޏާ ގުޅުމުން ހޮސްޕިޓަލުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް ވެސް ޒުބޭރު ވިދާޅުވި އެވެ. ނަމަވެސް ހިދުމަތުގެ އަގަށް ބަދަލެއް ނާންނެ ކަމުގެ ޔަގީންކަން ޒުބޭރު ދެއްވި އެވެ.


"އެއީ އަޅުގަނޑުމެންގެ ޓެލެރޭޑިއޮލޮޖީ ޑީޕާޓްމަންޓާ ގުޅިގެން މަސައްކަތް ކުރައްވާ ބައެއް. އެމެރީކާ އާއި ޔޫކޭގައި ވެސް އެ ބޭފުޅުން ހަރަކާތެރިވަމުންދޭ. އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނީ އެ ބޭފުޅުން. މިހާރު ވެސް ރައްޔިތުންނަށް ހިދުމަތް ލިބެމުންދާ އަގުގައި އެ ހިދުމަތް ލިބެމުން ދާނެ. އަގަށް ބަދަލެއް ނާންނާނެ،" ޒުވޭރު ވިދާޅުވި އެވެ.


އައިޖީ އެމްއެޗާއި ޓެލެރޭޑިއޮލޮޖީ ސޮލިއުޝަންސްއާއި ދެމެދުގައި ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.


ޓެލެރޭޑިއޮލޮޖީ ސޮލިއުޝަންސް އަކީ 2002 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ތަފާތު ހޮސްޕިޓަލްތަކަށް އެތެރެހަށީގެ ސްކޭނުތައް ހެދުމުގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ޓެލެރޭޑިއޮލޮޖީ ސޮލިއުޝަންސް އަކީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ.