28 May 2013, 11:44
ރާއްޖޭގެ ސަރަހައްދަށް އެކި ގޮތްގޮތުން އެތެރެވެގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ސޯމާލިއާގެ 40 މީހުން އދ.ގެ އެހީގައި ބޯޓެއް ޗާޓަރުކޮށްގެން ފޮނުވާލަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މީހުން ފޮނުވާލަން އިންޑިއާގެ ދިއްލީގައި ހުންނަ ސޯމާލިއާގެ ހައިކޮމިޝަން މެދުވެރިކޮށް ޕާސްޕޯޓް ހަދާ ނިމިފައިވާ ކަމަށެވެ.
"އެ މީހުން ނުފޮނުވި ލަސްވި ސަބަބަކީ އެ ގައުމުގެ ސަރުކާރު މެދުވެރިކޮށް ހަމަޖައްސަން ޖެހޭ ކަންތައްތަކެއް ހަމަނުޖެހިގެން. އަޅުގަނޑަށް ހީވަނީ އޭރު ސޯމާލިއާ ސަރުކާރުން ބޭނުން ނުވީހެން އެ މީހުން ގެންދަން. އެކަމަކު ފަހުން އދ. މެދުވެރިކޮށް މަސައްކަތްކޮށްގެން އެ މީހުން ގެންދަން އެއްބަސްވީ،" ޑރ. ސަމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތިބި ސޯމާލިއާގެ މީހުންތައް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފޮނުވާލެވޭނެ ކަމަށެވެ.
"އދ.ން އެކަމަށް ބޭނުންވާ ހުރިހާ ހަރަދެއް ވަނީ ހަމަޖައްސައިދޭން ނިންމާފައި. އެ ފަރާތުން ނިންމާފައި އޮތީ މަތިންދާ ބޯޓެއް ޗާޓަރުކޮށްގެން އެ ހުރިހާ މީހުން އެއް ފަހަރާ ގެންދަން. އެކަންތައް މިހާރު އޮތީ ހަމަޖެހިފައި،" ޑރ. ސަމަދު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި ކަނޑުފޭރޭ މީހުން ފޮނުވާލުމަށް ހަމަޖެހިފައިވަނީ ކަނޑުފޭރޭ މީހުންގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން އދ. އިން އުފައްދާފައިވާ ދެ މިލިޔަން ޑޮލަރު ފަންޑަކުންނެވެ. އެ ފަންޑުން ރާއްޖޭގެ އިތުރުން ސޯމާލިޔާ އިތިއޯޕިއާ ކެންޔާ ސީޝެލްސް އަށް ވެސް ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.