އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ކުރި ދައުވާގެ ބައެއް ކަންތައްތަކަށް އެކުއްޖާގެ މަންމަ އެއްބަސްވެ، މުޅި ދައުވާ އަށް އެ ކުއްޖާގެ ބައްޕަ އިންކާރުކޮށްފި އެވެ.

ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި "ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފައި ވަނީ ސ. މަރަދޫ ޝޭމްރޮކް އާމިނަތު ޝާހީ އާލަމް،21 އާއި އޭނާގެ ފިރިމީހާ ސ.މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހީމް ވިސާމް،26 ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ޝާހީ ބުނީ ކަންހިނގައިދިޔަ ގޮތް ތަހުގީގު ބަޔާނުގައި ކިޔައިދީފައި ވާނެ ކަމަށެވެ.

ޝާހީ އެގޮތަށް ބުނުމުން ދައުލަތުން ވަނީ އޭނާ ތަހުގީގަށް ދީފައިވާ ބަޔާން ޝަރީއަތަށް އިއްވާފަ އެވެ.

އެ ބަޔާނުގައި ޝާހީ ބުނެފައި ވަނީ ބަލިވެއިންފަހުން ވިހެއުމާހަމައަށް ޑޮކްޓަރަށް ދައްކައި އެއްވެސް ފަރުވާއެއް ހޯދާފައި ނުވާނެ ކަމަށެވެ. އަދި ބަލިވެއިން އިރު ދަރިވައްޓާލުމުގެ ނިޔަތުގައި ފިރިމީހާއާ ދެ މީހުން މަޝްވަރާ ކުރުމަށްފަހު ފިރިމީހާގެ ހުއްދައާ އެކު ބޭސް ބޭނުން ކޮށްފައިވާނެ ކަމަށް ވެސް ތަހުގީގު ބަޔާނުގައި އޭނާ ބުނެފައި ވެއެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން ޝާހީ ބުނީ ދަރިވައްޓާލުމުގެ ނިޔަތުގައި ބޭސް ބޭނުން ކޮށްފައި ނުވާނެ ކަމަށާއި އޭނާ ބޭނުން ކުރި ބޭހަކީ ސ. ހިތަދޫ ދިލްޝާދު ކްލިނިކްގައި ހުންނަ ރައްޓެހި ބިދޭސީ ޑޮކްޓަރަކު ދިން ބޭހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭހެއްކަމެއް ނޭނގޭ ކަމަށް ވެސް ޝާހީ ބުންޏެވެ.

ތަހުގީގު ބަޔާނުގައި ޝާހީ ބުނެފައިވާތުން ގަދަޔަށް ބަނޑުގައި ރިއްސަން ފެށުމުން ފާޚާނާގައި ހުރެފައި ކޮޓަރިއަށް ވަދެ ފިރިމީހާ ނިދާފައި އޮއްވައި ގޮވުމުން އޭނާ ހޭލުމާ އެކު އެވާހަކަ ޝާހީ އޭނާ އަށް ކިޔައިދިނެވެ. ދެން ފިރިމީހާ ލައިގެން ހުރި ޓީޝާޓު ބޭލުމަށް ފަހު ދަރިފުޅު ވިހެއީ ޓީޝާޓު މައްޗަށް ކަމަށް ވެސް ތަހުގީގުގައި އޭނާ ވަނީ ކިޔައިދީފަ އެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން ޝާހީ ބުނީ ޓީޝާޓު މައްޗަށް އެއްޗެއް ވެއްޓުނު ކަމަށާއި އެއީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށެވެ. ދެން "ވެއްޓުނު އެތި" ފިރިމީހާ ކޮތަޅަކަށް ލާފައި އޮއްވާ އޭނާއަށް ފެނުނު ކަމަށާއި ނަމަވެސް ކޮތަޅުގައި އޮތީ ކޯޗެއް ކަމެއް ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ޝަރީއަތުގައި ބުންޏެވެ.

ގާޒީ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޝާހީ ބުނެފައި ވަނީ ދަރިފުޅު މަރާލުމުގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އެހީގައި ގާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ވެސް އޭނާ ބުންޏެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން އޭނާގެ ފިރިމީހާ ވިސާމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ. އަދި ބުނީ އިންކާރު ކުރާ ސަބަބުން މިވަގުތު ބުނެދެވޭކަށް ނެތް ކަމަށާއި އަމިއްލައަށް ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.

ވިހެއުމަށް ފަހު އެ ކުއްޖާ ވަޅުލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު ހަމަޖައްސެވުމަށް އެ ދެ މީހުންނަށް ވެސް ފުރުސަތު ދިނުމަށް ފަހު އެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޝާހީ ކައިވެނިކޮށްގެން ބަލިވެ އިނދެ ވިހި ހަފްތާގައި ވިހާފައިވާ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އަދި ބަލިވެއިނދެ ދަރިވައްޓާލުމުގެ ނިޔަތުގައި ދަރިވައްޓާލަން ބޭނުންކުރާ ޒާތުގެ ބޭހެއް ބޭނުންކޮށްފައިވާ ކަމަށާއި ބަނޑުގައި ރިއްސުމުން ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ޝާހީ ވިހެއުމުން ދަރިފުޅު ކޮތަޅަކަށް ލައިގެން ގޮސް އޭނާގެ ފިރިމީހާ އެރަށު ބިއުޓީރޯސްގެއާ ދިމާލު އަތިރިމަތީގައި ދަރިފުޅު ވަޅުލާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

އެ ސަރަހައްދަށް ގޮސް އެތަން ކޮނެގެން ކޮތަޅަކަށް ލާފައި އޮތް އެދަރިފުޅު ނަގައި ފުލުހުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެތަނުގައި މަސައްކަތްކުރާ ނަރުހަކު ބުނެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދަރިފުޅު ވަޅުލީ އެ ވަގުތު ކުއްޖަކު ބޭނުން ނުވާތީ ކަމަށް ތަހުގީގުގައި އެ ދެމަފިރިން ބުނެފައިވާ ކަމަށެވެ.