28 May 2013, 10:40
މި އަހަރުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދިނުމަށް ފާސްކުރި 100 މިލިއަން ރުފިޔާ އާއި ދަނޑުވެރިންނަށް ދިނުމަށް ކަނޑައެޅި 50 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމުގެ އުސޫލު މާލިއްޔަތު ކޮމިޓީން ކަނޑައަޅައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ 24 ވަނަ ކޮމިޓީގައި ނިންމާފައި ވަނީ މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ އިދާރީ ހަރަދަށް ކެނޑުމަށް ފަހު 99 މިލިއަން ރުފިޔާ ބަހާށެވެ. އެގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ހޯސްޕަވަރަށް ބަލައި ކޮންމެ ދަތުރެއްގައި ތެލަށްކުރާ ހަރަދު ސަބްސިޑައިޒް ކުރުމަށް 60 މިލިއަން ރުފިޔާ މިދިޔަ އަހަރު ދިން އުސޫލުން ބެހުމަށާއި ކަޅުބިލަމަހުގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމުގެ އިތުރުން އެންކަނދުފަތި ގާއިމް ކުރުމަށް 15 މިލިއަން ރުފިޔާ ކަނޑައަލާފައި އެވެ. އަދި ސެޓަލައިޓް މެދުވެރިކޮށް މަސް އުޅޭ ސަރަހައްދު އަންގައިދޭ ވަސީލަތް ގާއިމް ކުރުމަށް އެއް މިލިއަން ރުފިޔާ ހަރަދުކުރުމަށާއި މަސްފިނިކުރުމުގެ ނިޒާމްތައް ގާއިމް ކުރުމަށް 23 މިލިއަން ރުފިޔާ ހަރަދު ކުރުމަށެވެ.
އެގޮތުން މަސް ފިނި ކުރުމުގެ ނިޒާމްތައް ގާއިމްކުރުމަށް ދޫކުރަން ނިންމާފައިވާ ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް މެދުވެރިކޮށް ކޮންސެޕްޓް ޕޭޕަރެއް އެކުލަވާލެއްވުމަށް ފަހު ފިޝަރީޒް މިނިސްޓްރީ އިން މާލިއްޔަތު ކޮމިޓީ އަށް ހުށައެޅުމުންކަމަށް އެކޮމެޓީ އިން ނިންމާފައިވެ އެވެ.
މިއަހަރުގެ ބަޖެޓުން ދަނޑުވެރިނަށް ދިނުމަށް ކަނޑައަޅާފައިވާ 50 މިލިއަން ރުފިޔާގެ ސަބްސިޑީ ލިބިދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމަވާފައި ވަނީ އެ ފައިސާގެ ތެރެއިން 500،000 ރުފިޔާ އިދާރީ ހަރަދަށް ކެނޑުމަށް ފަހު 49.5 މިލިއަން ރުފިޔާ ބަހާ ގޮތަށް ކަމަށެވެ.
މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފައި ވަނީ ސަބްސިޑީގެ އުސޫލު ފާސްކުރިދުވަހުން މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ޗަނަ ދުވަހުގެ ނިޔަލަށް އެ ފައިސާދީ ހަލާސްކުރުމަށެވެ.