28 May 2013, 10:30
ޓޫރިޒަމް އިންޑަސްޓްރީގައި ތިމާވެށި ދެމެހެއްޓުމަށް ކުރާ މަސައްކަތް ފާހަގަކޮށް ސެޓިފިކެޓްދޭ އެންމެ ބޮޑު ކުންފުނި އާތުޗެކުގެ ބްރޯންޒް ސާޓިފިކޭޝަން ސެންޓާރާ ގްރޭންޑް އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ރާއްޖެ އަށް ލިބިއްޖެ އެވެ.
ސެންޓާރާ ގްރޭންޑް ރާއްޖޭގައި ހިންގާ ތައިލެންޑުގެ ސެންޓާރާ ހޮޓެލްސް އެންޑް ރިޒޯޓްސް އިން ބުނީ ތިމާވެއްޓަށް ގެއްލުންނުވާ، ދެމެހެއްޓެނިވި ޓޫރިޒަމެއް ކުރިއަށް ގެންދިއުމަކީ އެކުންފުނީގެ ސިޔާސަތެއް ކަމަށާއި އެކުންފުނީގެ ހުރިހާ ޕްރޮޕަޓީއެއްގައި ވެސް މިގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންމެ ރިޒޯޓެއް އަދި ހޮޓަލެއް ވެސް މަސައްކަތްކުރާނީ ތިމާވެެއްޓަށް ގެއްލުން ނުލިބޭ ސްޓެންޑަޑެއް ހިފަހައްޓައިގެން. މިމަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުން ބައިވެރިވާނެ އަދި ވީވަރަކުން ޓޫރިސްޓުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދީގެން އަޅުގަނޑުމެން ކުރިއަށް ދަނީ،" ސެންޓާރާ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ ތިރަޔުތު ޗިރަތިވަޓް ވިދާޅުވި އެވެ.
ސެންޓާރާއިން އާތުޗެކާ އެކު މަސައްކަތް ކުރަން ފަށާފައި ވަނީ އެ ކުންފުނީގެ ތިމާވެށީގެ ސިޔާސަތު ރަނގަޅަށް މޮނިޓާކޮށް މެނޭޖުކުރުމުގެ މަގުސަދުގައި ކަމަށް އެކުންފުނިން ބުނެ އެވެ.
އާތުޗެކުގެ ޕާޓްނާޝިޕާ އެކު ސެންޓާރާ އިން ވަނީ ސިޔާސަތާ އެއްގޮތަށް ކޮންމެ ޕްރޮޕަޓީއަކުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް މޮނިޓާކޮށް، ބޭސްލައިނާއި ބެސްޓް ޕްރެކްޓިސަސްއާ އަޅާކިޔުމަށް ފަހު ބެންޗުމާކެއް ގާއިމުކޮށްފަ އެވެ.
ސެންޓާރާގެ މަސައްކަތްތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި، އެގެއްލުން ކުޑަކުރުމަށް ސެންޓާރާ އިން ކުރާ މަސައްކަތް އަޅާ ކިޔަނީ އާތުޗެކުގެ އޮންލައިން ސެލްފް އެސެސްމަންޓް ސިސްޓަމްގެ އެހީގަ އެވެ. އެއަށް ފަހު ކޮންމެ އަހަރަކު ވެސް މިނަތީޖާތައް އޮޑިޓްކުރެވެމުންދާ ކަމަށް ސެންޓާރާ އިން ބުނެ އެވެ.
ސެންޓާރާގެ 10 ރިޒޯޓަކުން އާތުޗެކުގައި ބައިވެރިވެފައިވާ އިރު މީގެ ތެރެއިން ހަތަރު ރިޒޯޓަކުން ވަނީ އާތުޗެކުގެ ސިލްވާ ސާޓިފިކޭޝަން ހޯދާފަ އެވެ. އަދި ހަ ރިޒޯޓަކުން ވަނީ އާތުޗެކުގެ ބްރޯންޒް ސާޓިފިކޭޝަން ހޯދާފަ އެވެ.
ސެންޓާރާ އިން ބުނީ އެކުންފުނީގެ ފަސް ތަރީގެ ބުރޭންޑް ކަމަށްވާ ސެންޓާރާ ގްރޭންޑުގެ ހުރިހާ ޕްރޮޕަޓީއަކީ 2014ގެ ނިޔަލަށް އާތުޗެކުގެ ސިލްވާ ސާޓިފިކޭޝަން ހާސިލްކޮށްފައިވާ ރިޒޯޓުތަކަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އާތުޗެކުގެ ބްރޯންޒް ސާޓިފިކޭޝަން ހާސިލްކުރުމަށް ޓަކައި، ޕްރޮގްރާމްގައި ބައިވެރިވާ ރިޒޯޓްތަކުން ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތެއް އެކުލަވާލާ ގާއިމްކުރުމުގެ އިތުރުން ތިމާވެއްޓަށް އަސަރުކުރާ ކަންކަމުގެ ކީ އިންޑިކޭޓާސް ފާހަގަކޮށްފައި ހުންނަން ޖެހެ އެވެ. ކީ އިންޑިކޭޓާސްގެ ތެރޭގައި ހިމެނެނީ ކަރަންޓާއި ފެން ބޭނުންކުރެވޭ މިންވަރާއި ކުނި ރީސައިކަލް ކުރެވޭ މިންވަރާއި ކުނި އުކާލެވޭ މިންވަރު އަދި ކަރުދާހުގެ ބޭނުންކުރެވޭ ގޮތްތަކެވެ.
އާތުޗެކުގެ ސިލްވާ ސާޓިފިކޭޝަން ހާސިލްކުރުމަށް ޓަކައި ޕްރޮގްރާމްގައި ބައިވެރިވާ ރިޒޯޓުތަކުން އެންވާރަމަންޓަލް އެކްޝަން ޕުލޭނެއް ގާއިމްކޮށް 10 ދާއިރާއަކުން ކަންކަން މޮނިޓާކޮށް ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރަން ޖެހެ އެވެ.
މި 10 ދާއިރާއަކީ ގްރީންހައުސް ގޭސްތައް ބޭރުކުރެވޭ މިންވަރު، އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު، މީރު ފެނުގެ ރިސޯސް ބޭނުންކުރެވޭ ގޮތްތައް، އީކޯސިސްޓަމް ދެމެހެއްޓުމާއި މެނޭޖުކުރެވޭ މިންވަރު، އިޖުތިމާއީ އަދި ސަގާފީކަން ކަން މެނޭޖުކުރެވޭ މިންވަރު، ބިން ބޭނުންކުރާނެ ގޮތް ރޭވުމާއި ބޭނުންކުރާ ގޮތްތައް، ވައިގެ ކޮލިޓީ މެނޭޖުކުރެވޭ މިންވަރު، ވޭސްޓް ވޯޓާ މެނޭޖުމަންޓް، ވޭސްޓް މެނޭޖުމަންޓްގެ އިތުރުން ތިމާވެއްޓައް ގެއްލުންކުރާ މާއްދާތައް ބޭނުންކުރެވޭ މިންވަރެވެ.