28 May 2013, 10:13
ޖެނީވާ (މޭ 28): ސޫރިޔާގައި ފުޅާދާއިރާއެއްގައި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދާކަމަށާއި މިއަނިޔާތަކުގެ ޒިންމާ އުފުއްލަވަން ޖެހޭ މަސްއޫލުވެރިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރުކުރުމަށް އދ. ގެއިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ގޮވާލައްވައިފި އެވެ.
ޖެނީވާގައި ކުރިޔަށްދާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަޤްވާމީ ކައުންސިލްގެ ތޭވީސް ވަނަ ސެޝަންގެ އިފްތިތާޙީ ޖަލްސާގައި ތަޤްރީރުކުރައްވަމުން ޕިއްލޭ ވިދާޅުވީ ސޫރިޔާގެ ރައްޔިތުން ދިރިއުޅެންޖެހިފައި ވަނީ އިންސާނީ ސިޔާސީ އަދި އިޖްތިމާޢީ ގިލަންވެރިކަމެއްގައި ކަމަށް ސިފަކުރައްވައި މިގިލަންވެރިކަމުން އެމީހުން ސަލާމަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ނާކާމިޔާބުވެފައިވާ ކަމުގަ އެވެ. އަދި ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމުގައި އދ. އަށާއި ބައިނަލްއަގުވާމީ މުޖްތަމަޢަށް ކުރެވުނު ކަމެއްނެތް ކަމަށް ވެސް ޕިއްލޭ ތުހުމަތު ކުރެއްވި އެވެ.
ސޫރިޔާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކާބެހޭ ގޮތުން ޕިއްލޭ ވަނީ އެކަމުގައި ސޫރިޔާ ސަރުކާރުގެ ބައެއް މަސްއޫލުވެރިންނާއި އިދިކޮޅު ބައެއް ފަރާތްތައް ވެސް ޝާމިލްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ސޫރިޔާގައި މިހާރު އެންމެ ވަރުގަދަ އަށް ހަނގުރާމަ ހިނގަމުންދަނީ އަލްޤަސީރު ސަރަހައްދުގަ އެވެ. އެސަރަހައްދަށްދެމުންގެންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު މަރުވެ އަދި ޒަޚަމްވަމުންދާއިރު ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތްކަމަށާއި ޒަޚަމްވެ ފަރުވާނުދެވޭ ޙާލަތުގައި އެތައްބަޔަކު މަރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ވެސް ޕިއްލޭ ވިދާޅުވި އެވެ.
އަލްޤަސީރަށް ސޫރިޔާ ސިފައިން ވައިގެ މަގުންނާއި ބޮޑުބަޑިންނާއި ޓޭންކުން ވަރުގަދަ ޙަމަލާތަކެއް ދެމުން ގެންދާއިރު ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އެސަރަހައްދު ދޫކޮށް ދިޔުމަށްބޭނުންވާ ޢާންމުންނަށް އެފުރްސަތު ނުލިބި ތާށިވެފައިވާ ކަމަށް ޚަބަރުލިބެ އެވެ.
ސޫރިޔާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ޒިންމާ އުފުއްލަވަންޖެހޭ މަސްއޫލުވެރިން ބައިނަލްއަގްވާމީ ކޯޓަށް ޙާޒިރު ކުރުމަށް ޕިއްލޭ ގޮވާލެއްވި ނަމަވެސް ޢިރާޤާއި އަފްޣާނިސްތާނުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ޒިންމާ އުފުއްލަވަން ޖެހޭ އެމެރިކާގެ މަސްއޫލުވެރިން ޢަދާލަތަށް ޙާޒިރުކުރުމާބެހޭ ގޮތުން މިހާތަނަށް އޭނާ އެއްވެސް ވާހަކައެއް ދައްކަވާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)