ބްރަސަލްސް (މޭ 28): ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ފާސްކޮށްފައިވާ ޤަރާރު އުވާލައިފި ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވެއްޖެ އެވެ.

ބްރަސަލްސްގައި ވާހަކަ ދައްކަވަމުން ހޭގް ވިދާޅުވީ މިޤަރާރު އުވާލުމަށް ޔޫރަޕްގެ އިއްތިޙާދުން ނިންމީ މިހާރު ކުރިޔަށްދާ އެއިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްދަކުރި ނަމަވެސް ސޫރިޔާ ސަރުކާރާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ އެއްވެސް ފިޔަވަޅެއް އުވާނުލާކަމަށް އޭނާ ވިދާޅުވި އެވެ.
ސޫރިޔާ ސަރުކާރާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަތިޔާރު ވިއްކުން މަނާކުރުމުގެ އިތުރުން އިޤްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ ޤަރާރު އުވާލުމަށް ޔުރަޕްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައި ވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. އެދެގައުމުން މިކަމަށް މަސައްކަތްކޮށްފައިވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމާއި ހަނގުރާމަ ހުއްޓާލުމަށް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ބާރުއެޅުމުގެ ނަމުގަ އެވެ.

ޔޫރަޕްގެ މިނިންމުމަކީ ސޫރިޔާގެ މައްސަލައިގެ ތެރެއަށް އިތުރަށް ވަނުމުގެ ފުރްސަތު ތަނަވަސްކޮށް ހަނގުރާމަ ދިގުދެންމުމަށް އިދިކޮޅު ހަނގުރާމަވެރިންނަށް ހިއްވަރުލިބޭނެ ކަމެއް ކަމަށް މަސްރަޙް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ބްރަސަލްސްގެ ބައްދަލުވުމުގައި ބުނެފައި ވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރުދިނުން ހުއްދަކުރި ނަމަވެސް އެފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ އަވަސް އެއްވެސް ޕްލޭނެއް ނެތްކަމުގަ އެވެ. (އަލްޖަޒީރާ)