28 May 2013, 09:49
ގައުމީ ފެންވަރުގައި މަތީ ސާނަވީ އިމްތިހާނުގައި ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްކަކަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕް ދިނުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމަވައިފި އެވެ.
މިދިޔަ އަހަރު ބޭއްވި ކޭމްބްރިޖް ޖީސީއީ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުން ޓޮޕްޓެން ހާސިލް ކުރި ދަރިވަރުންނަށް އިނާމް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. ވަހީދު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
ރޭގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ އޭލެވެލް އިމްތިހާން ނިންމާ ދަރިވަރުންގެ ތެރެއިން އެއް ވަނަ އަށް އަންނަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕް ކޮންމެ އަހަރަކު ދެމުންދާ އިރު އެ ސްކޯލާޝިޕްގެ ޒަރިއްޔާ އިން ކިޔެވުމަށް ފަހު އެނބުރި ރާއްޖެ އައިސް ގައުމަށް ޚިދުމަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ އެފަދަ މޮޅު ދަރީންތަކަކަށް ގައުމު އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަނީ ތައުލީމީ ގާބިލު ދަރީންތަކަކީ ވަރަށް ބޮޑު ރައުސުލްމާލެއް ކަމަށް ވާތީ ކަމަށެވެ.
"އެފަދަ މޮޅު ދަރީންތަކަކަށް ގައުމު އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަނީ ތައުލީމީ ގާބިލް ދަރީންތަކަކީ ވަރަށް ބޮޑު ރައުސުލްމާލެއް ކަމަށް ވާތީ. އެހެންވީމާ އެ ސްކޯލާޝިޕްގައި ކިޔަވާ ދަރިވަރުން ވެސް ގައުމަށް އެނބުރި އައިސް ޚިދުމަތް ކުރަން އަޅުގަނޑު ގޮވާލަން. މިކަމަކީ މިހާތަނަށް އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އެހެން ދާއިރާތަކެކޭ އެއްފަދައިން ތައުލީމީ ދާއިރާގައި ވެސް ބިދޭސީ މުވައްޒަފުންގެ އަދަދު ގިނަކަން ފާހަގަކުރައްވައި ރައީސް ވަނީ ތައުލީމީ ދާއިރާ އަށް ގާބިލު ދިވެހީން ކުރިމަތިލުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ މަތީ ތައުލީމަށްދާ ކުދިންގެ ތެރެއިން އެޑިއުކޭޝަންގެ ރޮނގުން ކިޔަވަން ބޭނުންވަނީ އެންމެ ނަތީޖާ ދަށް ކުދިން ކަމަށާއި ރާއްޖޭގެ ނިސްބަތުން ކުޅަދާނަ ތޫނުފުލި ކުދިން އެ ދާއިރާ އަށް ޚިދުމަތް ކުރުމަށް ފަސް ޖެހޭ ކަމަކީ ދާއިރާގެ ކުރިމަގަށް ލިބޭ ދެރައެއް ކަމަށް ނޫނީ ނުވާނެ ކަމަށެވެ.
ދިވެހީންގެ އާދަކާދަ އާއި ދިވެހީންގެ ތާރީޚާއި ދިވެހީންގެ ގޮތްފޮތް އެންމެ ފުރިހަމައަށް އުނގަންނައިދޭން އެނގޭނީ ދިވެހީންނަށް ކަމަށާއި އެހެންކަމުން އުނގަންނައިދިނުމުގެ ދާއިރާގައި އިތުރަށް ދިވެހީން ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ސްކޫލްތަކުގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ "ފަންނާނީންނަކީ" ޓީޗަރުން ކަމަށާއި އެހެންކަމުން ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ޓީޗަރުންނަށް އިޚްތިޔާރުތަކެއް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސްކޫލްތަކުގެ ވެރިންނަށް ވެސް ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބާރުތަކެއް ލިބިދޭން ޖެހޭ ކަމަށާއި އެހެންކަމުން ސްކޫލް ބޯޑުތަކުން މިހާރަށް ވުރެ ބޮޑަށް ސްކޫލްތައް ހިންގުމުގައި މަޝްވަރާގެ ރިވެތި އުސޫލާ އެއްގޮތަށް ސްކޫލްތަކުގެ ހިންގުން އިސްލާހު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.