28 May 2013, 09:35
ކޯލިޝަންގެ ތަޖުރިބާއަކީ ރާއްޖޭގެ ޑިމޮކުރަސީގެ ލަފަތުގައިކޮށްފައިވާ ތަޖުރިބާ އެކެވެ. ކޯލިޝަނެއްގެ އެ ތަޖުރިބާ އެންމެ ބޮޑަށް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ތިރީސް އަހަރުގެ ދިގު ވެރިކަން ކޯލިޝަންގެ އެހީއަކާ އެކު ނަޝީދަށް ބަދަލުކޮށްލި ނަމަވެސް ފަހުން ދިމާވި ކަންތައްތަކުގެ ސަބަބުން ނަޝީދާއި އެމްޑީޕީ އިން މިހާރު ކޯލިޝަނާ ބެހޭ ގޮތުން ދައްކަނީ ތަފާތު ވާހަކަ އެކެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޕީޕީއެމް ވެސް އިން ކޯލިޝަން އަށް ފާޑުކިޔުމަށް ފަހު ކޯލިޝަން ވަރުގެ ވިޔާނުދާ އެއްޗެއް ނެތް ކަމުގެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު އިސްކޮށް ހުންނަވައިގެން މިހާރު މިވަނީ "ގައުމައިގެން ކުރިއަށް" ނަމުގައި ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީ އާއި ޑީއާރްޕީ އަދި އަދާލަތު ޕާޓީ ގުޅިގެން ކޯލިޝަނެއް ހެދުމަށް ފަހު އެކުގައި އިންތިހާބުގައި މަސައްކަތްކުރުމަށް ނިންމައިފަ އެވެ.
ރައީސް ވަހީދުގެ ކޯލިޝަނާ އެކު މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ބޮޑަށް ދެކެވޭ ނުވަތަ ކުރެވިގެންދާ އެންމެ ބޮޑު ބަހުސް އަކީ ކޯލިޝަންގެ ސަރުކާރެއް ކާމިޔާބުކަމާ އެކު ނުހިނގާނެ ކަމުގެ ވާހަކަތަކެވެ. އެގޮތުން ކޯލިޝަނެއްގެ ސަރުކާރެއް ނަމަ ދައުލަތުގެ ވުޒާރާތައް ބަހަން ޖެހި ވުޒާރަތަކުގެ ހިޔާލު ތަފާތުވުންތަކާ އެކު ސަރުކާރު ކުރިއަށް ނުދާނެ ކަމުގެ ވާހަކަތަކަކީ ކޯލިޝަނާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކެވެ.
ކޯލިޝަންގެ ތަޖުރިބާއިން ކޯލިޝަން ވަރުގެ ގޯސް ކަމެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ މޭރުމުން ނަމަ ކޯލިޝަންގެ ވެރިކަމެއްގައި ނަމަ އެ ވެރިކަމުގެ ތެރޭގައި ބައިބައިވުން އުފެދޭނެ އެވެ. އެގޮތުން ކޯލިޝަނެއްގައި އެކުވެރިވުމުގެ ބަދަލުގައި، ބޯކިބާ ފޮއްޗެއްހެން ސަރުކާރު ފަޅާލަން ޖެހޭނެ ކަމަށާއި މަގާމުތައް ބަހަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވާހަކަ ދައްކަވަ އެވެ.
ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ދަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މަނިކުފާނު ހެއްދެވި ބޮޑު ކޯލިޝަނެއް އުވިގެންގޮސް ބައިބައިވުން އުފެދުނު ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ އިންނެވެ. ނަމަވެސް އެ ކޯލިޝަން ރޫޅުމުގައި ހަމައެކަނި ދިމާވީ ސަރުކާރުގެ ބައިއެޅުމުގެ މައްސަލައެކޭ ބުނެވޭކަށް ނެތެވެ. އިތުރު ބޮޑެތި މައްސަލަތައް ޖެހިގެން ވެސް ދިޔަ އެވެ. ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ވިދާޅުވާ ގޮތުން ނަމަ އެ ކޯލިޝަން ރޫޅިގެން ދިޔައީ "ތިމާގެ މަސްހަލަތަށް ވުރެ ގައުމުގެ މަސްލަހަތަށް އިސްކަން ނުދެވުމާއި، ތިމާގެ ޕާޓީގެ މަސްލަހަތަށް ވުރެ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ނުދެވުމާއި ތިމާގެ ޕާޓީ ފިޔަވައި އިތުރު ޕާޓީތަކަކީ މުހިންމު ޕާޓީތައްކަމުގައި ނުދެކުން" ކަމަށެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި "ވަތަން އެދޭ ގޮތަށް" އެމްޑީޕީ އިން އިސްކޮށް އޮވެ އުފެއްދި ކޯލިޝަން އުފަންވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަފުންކޮށް ވަޅުލަންޖެހުނު އިރު އޭގެ ފަހުން ދެން ރާއްޖޭގައި އުފެދިގެން ދިޔަ އަނެއް ކޯލިޝަންއަކީ އެކުވެރިކަމާ އެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެގޮތުން ޑީއާރުޕީ އާއި ގައުމީ ޕާޓީން ހެދި ކޯލިޝަން އެވެ. އެއީ ސަރުކާރެއް ހިންގުމަށް އުފެއްދި ކޯލިޝަނަކަށް ނުވުމާ އެކު، އެ ކޯލިޝަނާއި ކުރީގެ ކޯލިޝަން އަޅާ ނުކިޔިދާނެ އެވެ. ނަމަވެސް އެ ދެ ޕާޓީން ހެދި ކޯލިޝަން ވެސް އެހާ ކާމިޔާބު ނޫން ކަމަށް ބައެއް ފަރާތްތަކުން ދައުވާކުރެ އެވެ.
ސިޔާސީ ޕާޓީތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މިހާތަނަށް ރާއްޖޭގައި އުފެއްދި ކޯލިޝަންތަކަކީ މާ ކާމިޔާބުކަމާ އެކު ހިނގާފައިވާ ކޯލިޝަންތަކެކޭ ބުނެވޭކަށް ނެތެވެ. އެކަމުގެ ސަބަބަކަށް ޑރ. ހަސަން ސައީދު ވިދާޅުވި ފަދައިން ތިމާ ވަރެއް ނެތް ކަމަށް، ވެރިން ދެކުން ނުވަތަ ވެރިކަމާ ތޯޅުން ކަމަށް ބުނެވިދާނެ އެވެ.
ރާއްޖޭގައި މިހާތަނަށް ކޯލިޝަންގެ ތަޖުރިބާއަކީ ހިތި ތަޖުރިބާއަކަށްވީ ނަމަވެސް ކޯލިޝަނާ ދޭތެރޭ ކޮންމެ ވެސް ވަރެއްގެ އުންމީދެއް މި ސަރުކާރުން އެބަފެނެ އެވެ. ތަފާތު ހިޔާލުތަކާ އެކު ގިނަ ޕާޓީތަކެއްގެ މައްޗަށް ކުއްލި ގޮތަކަށް އުފެދި ކޯލިޝަން އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހިންގުމަކީ ކޯލިޝަނެއް ހިނގައިފާނެކަމުގެ ފެހި ސިގުނަލްކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. ރައީސް ވަހީދު އިސްކޮށް ހުންނަވައިގެން ކޯލިޝަނެއް އެކުލަވާލާފައިވާ އިރު އެ ކޯލިޝަންގެ އިސްވެރިން ވިދާޅުވާ ގޮތުން ނަމަ ރައީސް ވަހީދަކީ "ތަފާތު ހިޔާލުތަކެއްގެ މީހުން ގޮވައިގެން މަސައްކަތްކުރަން ދަންނަ" ބޭފުޅެކެވެ. އެ ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި ތަފާތު ހިޔާލުތަކާ އެކު ކޯލިޝަން ކުރިއަށްދާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި މިހާތަނަށް ކޯލިޝަން ބައިބައިނުވެ ރަނގަޅަށް ހިނގަމުންދާކަމީ ކޯލިޝަނެއް ރާއްޖޭގައި ހިންގިދާނެ ކަމުގެ ހެއްކެއް ކަމަށް އެއްބަޔަކު ގަބޫލުކުރާ އިރު ރައީސް ވަހީދުގެ ކޯލިޝަންގައި ބައިވެރިވާ ފަރާތްތަކުން ބުނަމުން ދަނީ ވެސް އެހެންނެވެ. އެގޮތުން އެ ފަރާތްތަކުން ބުނަމުންދަނީ މިފަހަރު އުފެދުނު ކޯލިޝަނަކީ "ގައުމަށް ޓަކައި ކުރިއަށް" ދިއުމަށް އުފެއްދި ކޯލިޝަނެއް ކަމަށާއި އެކޯލިޝަން ބައިބައިނުވެ ކުރިއަށްދާނެ ކަމަށެވެ. ކޯލިޝަން އުފެއްދި ރޭ މިފަހަރުގެ ކޯލިޝަންގެ އިސްވެރިން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު މީގެ ކުރިން އުފެއްދި އަދި މިއަދު ނެތިގެން ގޮސްފައިވާ ކޯލިޝަންތައް އުފެދުނު ރޭ ވެސް އެފަދަ ވާހަކަތަކުގެ އަޑު އިވިފައިވެ އެވެ.
ދެން އޮތީ ކޯލިޝަން ހަދަނީ ދައުލަތް ބަހާލައިގެން ތިބުމަށް ބުނާ ބުނާ ވާހަކަ އެވެ. ކޯލިޝަނެއް ހަދަނީ ދައުލަތް ބައިކޮށްލައިގެން ބެހުމަށް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައިވައި ޑރ. ހަސަން ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ކޯލިޝަން ހެދި އިރު އެ ކޯލިޝަންތައް ހަދާފައި ވަނީ ލިބެން ޖެހޭނެ މަގާމުތައް ކިޔައި ސޮއިކޮށްގެން ކަމަށާއި ނަމަވެސް މިފަހަރުގެ ކޯލިޝަން ހަދާފައިވާ އިރު ސަރުކާރުގެ ބައިއަޅާނެގޮތެއް ލިޔެކިޔުމުން އެއްބަސްވެފައި ނުވާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ފެނިފައިވާ ކޯލިޝަންގެ ތަޖުރިބާ އަށް ބަލާއިރު ވެސް ޕާޓީތަކުގެ މެދުގައި މަގާމަށް "އޮޅުލުމަކީ" ނެތް ކަމެކޭ ބުނެވޭކަށް ނެތެވެ. އެއާ އެކު ވެސް ވެރިޔަކީ ތަފާތު ހިޔާލުތަކުގެ މީހުންނާ އެކު މަސައްކަތް ކުރަން އެނގޭ ފަރާތެއް ނަމަ ކޯލިޝަނެއް ނުހިނގަންވީ ސަބަބެއް ވެސް ނެތެވެ.
ޕޮލިޓިކަލް ސައިންސް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތަކުން ވިދާޅުވީ ޑިމޮކްރަސީގެ މައި ތަނބުކަމުގައިވާ އެމެރިކާގައި ކޯލިޝަނެއްގެ ވެރިކަން ނުކުރި ނަމަވެސް ދުނިޔޭގެ ކުރިއަރަމުންދާ އަދި އަމާންކަމާއެކީ ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމް އޮންނަ ބައެއް ގައުމުތަކުގައި ވެސް ކޯލިޝަންގެ ވެރިކަން ކުރަމުންދާ ކަމަށެވެ.
"މިސާލަކަށް ބަލަމާ ހިނގާ އަޅުގަނޑު ދާދިފަހުން މިއައީ ފިލިޕީންސުން، އެ ގައުމުގައި ވެސް ހިނގަމުންދަނީ ކޯލިޝަންނެއްގެ ވެރިކަމެއް. އެހެން ވީމާ ރިޔާސީ ނިޒާމުތަކުގައި އެބަހުރި ކޯލިޝަންތައް ވެސް ކާމިޔާބު ކަމާއެކު ވޯކް ކޮށްފައި،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
ރާއްޖެއަކީ ރިޔާސީ ރިޒާމެއް ހިނގާ ގައުމެއްކަމަށްވާ އިރު ރިޔާސީ ނިޒާމެއްގައި ކޯލިޝަނެއް ނުހިނގާނެ ކަމަށާއި ކޯލިޝަނަކީ ބަރުލަމާނީ ނިޒާމްގެ ސިފައެއްކަމަށް އެންމެ ބޮޑު ދެ ޕާޓީ އިން ބުނަމުންދާ އިރު ރިޔާސީ ނިޒާމް ހިންގާ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ކޯލިޝަންތައް ހިނގާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ބަލާ ނަމަ ބްރެޒިލްގައި 2007 ވަނަ އަހަރާ ހަމައަށް ވެސް ކާމިޔާބު ކަމާ އެކު ކޯލިޝަނެއްގެ ވެރިކަމެއް ހިނގާފައިވާ އިރު އާއި ޗިލީ އާއި އުރުގުވޭގެ އިތުރުން އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް ކާމިޔާބުކަމާ އެކު ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަންތައް ހިނގާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ރާއްޖޭގެ ކޯލިޝަންތަކަށް ދިމާވެފައިވާ މައްސަލަ ބަލާ އިރު ވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޯލިޝަނެއް ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް ބޭނުން ވަނީ ތަފާތު ހިޔާލުތަކާ އެކު މަސައްކަތްކުރަން ދަންނަ ވެރިއެއް ކަމެވެ. ހަގީގަތުގައި ވެސް އެ ބޭފުޅަކީ ތިމާވަރެއް ނެތް ވެރިއެއްކަން އަމަލުތަކުން ދައްކަން ފަށައިފި ނަމަ ކޯލިޝަނެއް ވިޔަސް އަދި އެނޫން ވެރިކަމެއް ވިޔަސް ކާމިޔާބުކަމާ އެކު ކުރިޔަކަށް ނުގެންދެވޭނެ އެވެ. ކޯލިޝަނާ އެކު ރައީސް ވަހީދު ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅު ނަމަ ތަފާތު ފިކުރުތަކަށް ޖާގަ ދޭން ޖެހެ އެވެ. އެއާ ހިލާފަށް އަމިއްލަ ޕާޓީގެ މަސްލަހަތު ކުރިއަރުވަން އުޅުއްވަފި ނަމަ އެ ކޯލިޝަން ވެސް ބައިބައިވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.