މިދިޔަ އަހަރު ބޭއްވި ކޭމްބްރިޖް ޖީސީއީ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުން ރާއްޖޭގެ ފަސް ދަރިވަރަކު މުޅި ދުނިޔެއިން އެއްވަނަ ހޯދައިފި އެވެ.

ކޭމްބްރިޖް ޖީސީއީ އޯލެވެލް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުން ޓޮޕްޓެން އަށް ހޮވުނު ދަރިވަރުންނަށް އިނާމް ދިނުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި އެ ފަސް ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ އިނާމާއި ހަނދާނީ ލިޔުމާއި ކޭމްބްރިޖް އިންޓަނޭޝަނަލް އެގްޒަމިނޭޝަނުން ދެއްވާ ސެޓްފިކެޓާއި ގަލަން އަދި ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

ޓްރެވަލް އެންޑް ޓޫރިޒަމުން މުޅި ދުނިޔެ އިން އެއްވަނަ ރާއްޖޭގެ ދެ ދަރިވަރަކު ހޯދާފައި ވެއެވެ. އެއީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު ޝައިފާ އާދަމް އާއި ބިލަބޮންހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު ރައްފާން މުހައްމަދު އައްމާރު ޝާހު އެވެ.

އިންގްލިޝް އޭސް ސެކަންޑް ލެންގުއޭޖުން ވެސް ރާއްޖޭގެ ދެ ދަރިވަރަކު ވަނީ މުޅި ދުނިޔެއިން އެއްވަނަ ހޯދާފަ އެވެ. އެއީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރު ހުސައިން ޖަޒުލާން އާއި އަމީނިއްޔާ ސްކޫލްގެ ދަރިވަރު އަރީން ހުސައިން އެވެ.

ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި ވަނީ ރާއްޖޭގެ އެންމެ ދަރިވަރެކެވެ. އެއީ އަމީނިއްޔާ ސްކޫލްގެ ދަރިވަރު ތަމާނަތު އައްޔޫބު އެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެންމެ މަތީ ދިހަ ވަނަ ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 378 ދަރިވަރުން ނެވެ. ނަމަވެސް 2012 ވަނަ އަހަރު އިތުރު 48 ދަރިވަރުން މި ނަތީޖާ ހާސިލް ކޮށް ޖުމްލަ 426 ދަރިވަރަކު އެންމެ މަތީ 10 ވަނަ ހާސިލް ކޮށްފައިވެ އެވެ. އެއީ 256 އަންހެން ދަރިވަރުންނާއި 170 ފިރިހެން ދަރިވަރުންނެވެ.

އަށް މާއްދާ އިން އޭ ހޯދައިގެން 37 ދަރިވަރަކު މުޅި ރާއްޖޭގެ އެއްވަނަ ހޯދާފައި ވެއެވެ. މީގެތެރެއިން 13 ދަރިވަރުންނަކީ އަތޮޅުތަކުގެ ސްކޫލްތަކުން ތައުލީމް ހާސިލް ކޮށްފައިވާ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2011 ވަނަ އަހަރާއި އަޅާ ބަލާއިރު އިނގިރޭސި، ހިސާބު އަދި ދިވެހީ ގެ ނަތީޖާ އަށް އަހަރުން އަހަރަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި އިސްލާމްގެ ނަތީޖާ އަށް ވެސް ފާހަގަ ކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު އިސްލާމުން ފާސްވި ނިސްބަތް 81.3 އިންސައްތަ އަށް އަރާފައިވާކަމަށާއި މިއީ 2011 ވަނަ އަހަރާއި އަޅާ ބަލާއިރު 19.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.