28 Oct 2010, 07:36
ރާއްޖޭގެ ތާރީހުން ރިޒާވްގައި ހުރި މައުލޫމާތު ދެގުނަ ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހުރި ދުސްވަސްވީ މުސްކުޅި ފަތްތަކުގެ ތެރެއިން ރައީސް އޮފީހުގައި ހުރި 1901 ފަތްކޮޅު ޕްރިޒާވް ކުރުމަށް ފަހު ފަތްކޮޅުތަކާއި އެތަކެތީގެ އިންޑެކްސް މައްޗަށް އެކުލަވާލާފައިވާ ހާއްސަ ފޮތް ހެރިޓޭޖް ޑިޕާޓްމަންޓާ ހަވާލުކޮށްދެވުމަށް ފަހު ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ ރިޒާވްގައި ހުރި ތާރީހީ މައުލޫމާތު ރައްކާތެރިކުރެވި އަދި އާންމުކޮށް ފެންނަންހުރި މައުލޫމާތުގެ އަދަދު ދެގުނަވެގެންދިޔައީ ކަމަށެވެ.
"މިއަދު މި ފޮތުން (ރާއްޖޭގެ ތާރީހީ މައުލޫމާތު) ދެގުނަވާނެ. މިއަދަކީ އެނގޭން އޮތް ރާއްޖޭގެ ހާޒާނާގެ މިންވަރު ދެގުނަވެގެންދާ ދުވަހެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2008 ގަ އާއި 2009ގައި ރައީސް އޮފީސް ތެރެއިން ތިން ފޮށިގެންގަނޑެއްގައި ބަންދުކޮށްފައި ހުއްޓާ ނެގުނު ފަތްކޮޅުތައް ޕްރިޒާވްކޮށް އެއިން ބޭނުން ކުރެވޭ ގޮތަށް ރައީސް އޮފީހުން މަސައްކަތްކޮށްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި ކޮންމެ ފަތަކަށް ނަމްބަރުދީ މިންތަކާއި ތައާރަފު ލިޔެ ތައްޔާރުކޮށްފައިވާ ފަތްކޮޅުތަކާ ބެހޭ ފޮތުގައި ވެސް 1040 ސޮފުހާ އެކުލެވޭ ކަމަށެވެ. ރައީސް ވިދާޅުވީ މި ފަތްކޮޅުތަކުގެ މައްޗަށް ބިނާކޮށް ތަހުލީލު ކުރާ ފަރާތްތަކަށާއި ތާރީހު ލިޔާ ފަރާތްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
މުސްކުޅި ފަތްކޮޅުތަކުގެ މަސައްކަތްކުރެވި ހުރިހާ ފަތްކޮޅުތައް ސަލާމަތުގެ އައްސޭރިއަށް ގެންދެވޭ ގޮތް ވުމުން އުފާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޑިޕާޓްމަންޓްމަންޓް އޮފް ހެރިޓޭޖާ މިއަދު ހަވާލު ކުރި ފަތްކޮޅުތަކަކީ 1982 ގައި ދިވެހި ބަހާ ތާރީހާށް ހިދުމަތްކުރާ ގައުމީ މަރުކަޒަށް ރައީސް އޮފީހުން ފޮނުވުމުން 1984 ގައި އަނބުރާ ރައީސް އޮފީހަށް ފޮނުވާފައިވާ ފަތްކޮޅުތަކެކެވެ.
އަލުން އެ ފަތްކޮޅުތައް ޕްރިޒާވް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މޭ 28، 2009ގަ އެވެ. ޕްރިޒާވް ކުރުމުގެ މަސައްކަތް ކުރީ ބޭރުގެ މާހިރުންނެވެ.