27 May 2013, 23:43
މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ވަތަނިއްޔާ ކުލަބު މޯލްޑިވްސް ކަޕް 2013، ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް)ގެ މައްޗަށް 9-5 ލަނޑުން ކުރިހޯދައިގެން އެ މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހޯދައިފިއެވެ.
މިއަދުގެ ފޯރިގަދަ ފައިނަލު މެޗުގައި އެމްޕީއެލްއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ، އަޙްމަދު ވިޝާލް (އަންދު) ތިން ލަނޑު، ޢަލީ މާއިޝް (މައްޓު) ތިން ލަނޑު، ޢަލީ އަޝްފާޤު (ދަގޭ) ދެ ލަނޑު އަދި އަޙްމަދު ރިޝްފާން (ރިއްޕެ) އެއް ލަނޑެވެ. ފައިނަލު މެޗުގައި އައިއޭއެސްގެ ލަނޑު ތައް ކާމިޔާބު ކޮށްދިނީ ޢަލީ ޝިފާއު ދެ ލަނޑު، ޙަސަން ހާޒިގު، ޢަލީ އަލްހާން، އަދި ޙުސައިން ޢަލީ، ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.
ވަތަނިއްޔާ ކުލަބު މޯކްޑިވްސް ކަޕް 2013ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޕީއެލްގެ ޢަލީ މާއިޝްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޕީއެލްގެ އަޙްމަދު ވިޝާލްއެވެ. އަދި މުބާރާތުގެ ފެއަޕްލޭ ކުޅުންތެރިޔާގެ މަގާމު ހޯދީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުޙްމަދު ރިއްފަތުއެވެ.
ވަތަނިއްޔާ ކުލަބު މޯކްޑިވްސް ކަޕާ އެކު ކުރިއަށް ގެންދިޔަ ވަތަނިއްޔާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ. މާފަންނު ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ފަނައިލު މެޗުގައި ޕޮލިސް ކުލަބާ ވާދަކޮށް ޑީއެސްސީ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުން ނެވެ.