27 May 2013, 23:40
ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބު 2-0 ލަނޑުން ބަލިކޮށް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) މިއަހަރުގެ ލީގުގައި ހޯދި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި އޭވައިއެލް ކާމިޔާބު ކުރި ދެލަނޑުވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މިއަހަރުގެ ދިވެހި ލީގުގައި ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 38 ވަނަ މިނިޓުގައި ޢަލީ އިފްޒާން އެވެ. އަދި މެޗުގެ 43 ވަނަ މިނިޓުގައި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަޙްމަދު އަޖުވަދު އެވެ.
މިއަދުގެ މެޗުން މޮޅުވުމުން އޭވައިއެލްއަށް ވަނީ އަށް މެޗު ކުޅެގެން ހަތަރު ޕޮއިންޓު ލިބިފައެވެ. އެހެން ނަމަވެސް އެކުލަބު އަދިވެސް އޮތީ ތާވަލުގެ ފުލުގައެވެ. ވިކްޓަރީ އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ ފަހަތުން ދެވަނައިގައެވެ.
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 24 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތް އިރު 15 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ކުލަބު ވެލެންސިޔާއެވެ. އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބީޖީ ސްޕޯޓްސް، ކޮންމެ ކުލަބަކަށް 12 ޕޮއިންޓު ލިބިފައިވާއިރު ފައިދާ ދެ ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ މާޒިޔާއެވެ. ނުވަ ޕޮއިންޓާއެކު ފަސް ވަނައިގައި ކުލަބު އީގަލްސް އޮތް އިރު ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ލަނޑުގެ ތަފާތުން ހަ ވަނައިގައި އޮތީ ވީބީ އައްޑޫ އެފްސީއެވެ.
ދިރާގު ދިވެހި ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު ހަވީރު 4:00ގަ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއެންޓާއި ބީޖީ ސްޕޯޓްސް އެވެ.