27 May 2013, 22:50
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތާ ގުޅޭ ގޮތުން ފުލުހުންނާއި ސަރުކާރުގެ ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ދެކޮޅުނު ޖެހޭ ފިތުނަވެރި ވާހަކަތަކެއް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
ޑރ. އަފްރާޝީ އަލީ އަވަހާރަކޮށްލި ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ކޯޓުގައި އެއްބަސްވިތާ ހަ ދުވަސް ފަހުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަންތައް އެ ޕާޓީގެ ބޮލުގައި އެޅުވުމަށް ތަފާތު މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ގައުމީ ހަރަކާތުގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އެމްޑީޕީގެ މައްޗަށް ރިޔާސީ އިންތިހާބު ނިމެންދެން ހަތިޔާރެއްގެ ގޮތުގައި އުފުލާފައި ބާއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށް ވިދާޅުވެފައިވުމުން އެ މައްސަލާގައި އެމްޑީޕީއާ ގުޅުވައިގެން ދެކެވޭ ފިތުނަވެރި ވާހަކަތަކަކީ ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމުގައި އެޕާޓީ އިން ދެކޭ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
"ރައްޔިތުންގެ މެދުގައި ޝައްކުތަކާއި ބައިބައިވުމާއި ނަފްރަތު އުފެއްދުމަށް ފިތުނަވެރި ވާހަކަތައް ފެތުރުމުގެ ބަދަލުގައި ޒިންމާދާރުކަމާ އެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ވާދަވެރި ސިޔާސީފަރާތްތަކަށް އިލްތިމާސްކުރަމެވެ. ހަމަ އެހެންމެ ގާނޫނީ އަދި ޝަރުޢީ އެއްވެސް ބިންގަލެއް ނެތި ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކާ މެދު ސަމާލުވެތިބުމަށް ދިވެހި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް މި ޕާޓިން އިޚްލާސްތެރިކަމާ އެކު ގޮވާލަމެވެ." އެބެޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި އެހެން ބުނެފައިވީ ނަމަވެސް ގައުމީ ހަރަކާތުގެ ޖަލްސާގައި އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެކަންތައް ރާވައި ހިންގި އަދި ފައިސާ ހަރަދުކުރި ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށާއި އެ މަރުގެ ތުހުމަތު އެމްޑީޕީގެ ބޮލުގައި ނޭޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ޝައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލިފައިވާ ފަރާތަކުން ޝަރީއަތުގައި ޝައްކު އުފެދޭ ފަދަ ގޮތަކަށް ވެފައިވާ އިއުތިރާފަކާ ގުޅިގެން ޝަރީއަތަށް ކަމެއް ސާބިތުވުމުގެ ކުރިން އެފަރާތުގެ ބަޔާނަށް ބުރަވެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއްގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅުވުމަކީ ޝަރުއީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވޭނޭ ކަމެއްނޫން ކަމަށް އެޕާޓީ އިން ދެކޭ ކަމަށް ބުނެފައިވެ އެވެ.
ފަނޑިޔާރު ކުރިމަތީގައި ކޯޓުގައި ހުސައިން ހުމާމް އަހްމަދު މިދިޔަ ބުދަ ދުވަހު ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް އޭނާގާތު ފުރަތަމަ ބުނީ ކޯޕްރަލް އަޒުލިފް ރައޫފް ކަމަށެވެ. އޭގެ ފަހުން އަޒުލިފް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބި ދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާއާ އެކު ޖަލަޕީނޯގައި ކޮފީއެއްގައި ތިބެ އަފްރާޝީމް މަރާލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފަނޑިޔާރު ކުރިމަތީގައި ހުމާމް ވަނީ ބުނެފަ އެވެ.
ހުމާމު ޝަރީއަތުގައިވި އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އެ މައްސަލަ އެމްޑީޕީ އަށް ރައްދުވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑުް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ "އައުވާނުން" ކަމަށެވެ.
ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމު އަވަހާރަކޮށްލި މީހުން ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްރާޝީމް މަރާލި މީހާ ވަނީ އެ ރޭ ރާއްޖެ ދޫކޮށް ގޮސްފައި. އެ ރޭ އެ މީހަކު ވަނީ މެދުއިރުމަތީގެ ގައުމަކަށް ފުރައިގެން ގޮސްފައި. އެއީ މި ރާއްޖެއާ ގާތް ގައުމެއްގައި ހިނގައި ދިޔަ ހާދިސާއަކާ ގުޅުން ހުރި އަމަލެއް. މިއީ ބައިނަލްއަގްވާމީ ކަމެއް." މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ހދ. ވައިކަރަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.