ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވާ މީހަކީ މ. ލޮނުމިދިލިގޭ ޝަރުފާނު އަބްދުއްރައްޒާގު އަހްމަދު، 19، އެވެ.

އޭނާ އަކީ މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 3:25 އެހައިކަންހާއިރު އިތުރު ބަޔަކާ ބައިވެރިވެގެން ހަވީރީހިނގުމާއި ޗަނބޭލީމަގު ގުޅުނު ހިސާބުގައި ތިބި ދެ މީހަކަށް ތޫނު ހަތިޔާރުން ހަމަލަ ދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތަހުގީގަށް ހޯދަމުން ގެންދާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ޝަރުފާނު އަބްދުއްރައްޒާގު އަހްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެކަން މޯލްޑިވް ޕޮލިސް ސާވިސްގެ 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އޭނާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 3:25 އެހައިކަންހާއިރު ހަވީރީހިނގުމާއި ޗަނބޭލީމަގު ގުޅުނު ހިސާބުގައި ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުންގެ ތެރެއިން 18 އަހަރުގެ ޒުވާނާގެ މެއާއި ބުރަކަށީގެ އިތުރުން ގައިގެ އެކި ތަން ތަނަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވެ އެވެ. އަދި 21 އަހަރުގެ ޒުވާނާގެ ބުރަކަށްޓަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައި ވެއެވެ.

ޝަރުފާން އަކީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އިތުރު މީހަކާ އެކު މ. ނަލަހިޔާމަންޒިލްގެ އަށް ވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގެ ތުހުމަތުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެކެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މިފަހަކަށް އައިސް ތޫނުއެއްޗަކުން މީހުންނަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ގިނަ ބަޔަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.