ދިވެހިރާއްޖެ އިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ މުހައްމަދު ނަސީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ޕުރަނާބު މުކަރުޖީއަށް އަރުއްވައިފި އެވެ.

މިއަދު ހެނދުނު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށް ފަހު އިންޑިއާގެ ރައީސް ޕުރަނާބް މުކަރުޖީ ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަދި ރައީސް މުކަރުޖީއާ ބައްދަލުކުރައްވައި ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމާއި އެގުޅުން އިތުރު ބަދަހިކުރުމާ ގުޅޭ ގޮތުން ސަފީރު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ ތަރައްގީ އަށް އަދި ހާއްސަކޮށް އުމްރާނީ ތަރައްގީއަށާއި އިގުތިސާދީ ދާއިރާ އިން އިންޑިއާ ސަރުކާރުން ދެއްވާ ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނެ އެވެ.