ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ [ޖޭއެސްސީ] ހިންގާ ގަވާއިދު އިސްލާހު ކުރުމަށާއި އިންޓަވިއު ޕެނަލެއް އެކުލަވާލުމަށް އަންނަ ހޮނިހިރު ދުވަހު އެ ކޮމިޝަނުން ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.


ޖޭއެސްސީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެއިން ބޭރުގައި ކަމަށާއި މާލެ އިން ބޭރުގައި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އެންމެން އެއްތަނެއްގައި ތިބެގެން މަސައްކަތްތައް ނިންމާލުމަށް ފަސޭހަވާނޭތީ ކަމަށް ޖޭއެސްސީ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.


ނަމަވެސް ބައްދަލުވުން ބާއްވާނެ ވަކިތަނެއް އަދި ނިންމާފައި ނުވާކަމަށް ޖޭއެސްސީ އިން ބުންޏެވެ.


" ގަވާއިދު ފާސްކުރަން ގިނަ ވަގުތު ބޭނުންވާނެ، އެހެން ވީމަ އެންމެން އެއްތަނެއްގައި ތިބެގެން ފަސޭހައިން ނިންމާލެވޭނެތީވެ، މާލެ އިން ބޭރުގައި މަސައްކަތް ކުރުމަށް ނިންމާފައި އެ ވެނީ. މާލޭގައި މަސައްކަތް ކުރާނެ ތަނެއް ނެތިގެނެއް ނޫން." އޭނާ ވިދާޅުވި އެވެ.


އެ ކޮމިޝަނުގެ ހިންގާ ގަވާއިދު ފާސްނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވުމާ އެކު މަސައްކަތްތަކަށް ބުރޫ އަރަމުން ދާކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.