27 May 2013, 17:23
ޗެމްޕިއަން ޓީމަށް 100000 ރުފިޔާ ހުށަހަޅާފައިވާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަހަރުގެ ކުޑަ ޢީދުގައިވެސް ބާއްވާ ގޮތަށް ހަމަޖައްސައި އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އެސްޓީއޯއިން މިއަދު ހުޅުވާލައިފިއެވެ.
މުބާރާތުގައި ބައިވެރި ވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހެވެ. އެސްޓީއޯއިން ބުނީ މުބާރާތުގެ ގަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް އެސްޓީއޯގެ ވެބްސައިޓުންނާއި، ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯގެ ބައެއް ފިހާރަތަކުން ލިބެން ހުންނާނޭ ކަމަށެވެ.
މިއަދު މެންދުރު ފަހު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް ޢާޒިމް ވިދާޅުވީ، އެސްޓީއޯއިން މިއަހަރުވެސް އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން ބަށިމުބާރާތެއް ބޭއްވުމަށް ނިންމީ ރާއްޖޭގެ ތާރިޚީ ކުޅިވަރެއް ކުރި އެރުވުމަށާއި އަންހެހުންނަށް އިންތިޒާމް ކުރެވޭ މުބާރާތްތައް މަދު ކަމުން ކަމަށެވެ.
"އަޅުގަނޑުމެން މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި މި ހިމެނެނީ، އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އިތުރަށް މަޝްހޫރުކޯށް މާކެޓް ކުރުން. ދެވަނަ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމުގައިވާ ބަށި އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު މެދުވެރިކޮށް މިމަސައްކަތް އިތުރަށް ކުރިއަށް ގެންދިއުން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އަގުބޮޑު އިނާމު ތަކެއް މުބާރާތަށް ހުށަހަޅާފައިވަނީ މުބާރާތުގެ ފޯރި ގަދަ ކުރުމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މުބާރާތައް ދެއްވަމުން ގެންދަވާ ތަރުހީބު ވީހާވެސް ބޮޑަށް އިތުރު ކުރުމަށްޓަކައި ކަމަށެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100000 ރުފިޔާ ހުށަހަޅާފައިވާ އިރު އެމުބާރާތުގެ ރަނަރަޕް ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމް، ސެކަންޑް ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ފެއާ ޕްލޭ ޓީމަށް 10000 ރުފިޔާގެ އިނާމް، އަދި ބަށި ރާނީއަށް 3500 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މުބާރާތުގެ އެސޯސިއޭޓް ޕާޓުނަރު މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާ "ޗެންނާއީ-މާލެ" ދެކޮޅު ޓިކެޓެއް ހުށަހަޅާފައި ވެއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ފޯލީ ސައި ކުރާ ކުޅުންތެރިޔާ އާއި އެންމެ ގިނަ ފޯލި ހިފާ ކުޅުންތެރިޔާ އަދި އެންމެ އުއްމީދީ ކުޅުންތެރިޔާއަށް 2500 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މިދިޔަ އަހަރު ހަ ޓީމު ބައިވެރިވެފައިވާ އިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފ. ފީއަލީ ބަށި ޓީމެވެ.