ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބިދޭސީ ފޯވާޑަކާއި މިޑްފީލްޑަރެއް ގެނައުމުގެ މަސައްކަތް އެކުލަބުން ފަށައިފި އެވެ.

މާޒިޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ބިދޭސީ ދެ ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ފެށީ މިއަހަރުގެ ސީޒަންގައި އެޓީމާ ގުޅުނު މިސްރުގެ އެޓޭކިން މިޑްފީލްޑަރާއި އެމެރިކާ ފޯވާޑުގެ ފެންވަރު ނެތުމުން ކުލަބުން އެ ދެމީހުން ރަށަށް ފޮނުވާލުމާ ގުޅިގެން، ސީޒަންގެ ބާކީ އޮތްބައިގައި ޓީމް މީހަރަށް ވުރެ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.

"ސީޒަންގެ ކުރީކޮޅު ޓީމާ ގުޅުނު ބިދޭސީ ދެކުޅުންތެރިން މިހާރު ފޮނުވާލައިފިން. އެ ދެކުޅުންތެރިންގެ ފެންވަރު ވަރަށް ދަށް. މިހާރު މިދަނީ ފޯވަޑަކާއި މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާޒިޔާއަށް ގެންނަން މަސައްކަތް ކުރާ ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ބަލްގޭރިޔާގެ ފޯވާޑެއް ކަމަށާއި އަދި އޭނާ އަކީ ޗެމްޕިއަންސް ލީގު ވެސް ކުޅެފައިވާ މޮޅު ކުޅުންތެރިއެއް ކަމަށެވެ. އެހެން ނަމަވެސް މާޒިޔާއަށް ގެންނަ އެޓޭކިން މިޑްފީލްޑަރަކީ ކޮންގައުމެއްގެ ކުޅުންތެރިއެއްކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.


ދިރާގު ދިވެހި ލީގުގައި މިހާތަނަށް އަށް މެޗު ކުޅެފައިވާ މާޒިޔާ އޮތީ 12 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިން ވަނަ މަގާމް ގައެވެ. ލީގުގެ އެއް ވަނަ މަގާމްގައި 24 ޕޮއިންޓާއެކު ނިއުރޭޑިއަންޓް އޮތްއިރު، ދެ ވަނަ މަގާމް ގައި 15 ޕޮއިންޓާއެކު އޮތީ ވެލެންސިއާ އެވެ.