އީގަލްސްގެ ފޯވަޑް އަހުމަދު އިމާޒު (އާއްކޮ) އަކީ ރާއްޖޭގެ މުސްތަގްބަލްގައި މީހުން އޭނާގެ ވާހަކަ އަބަދުވެސް ދައްކާނެ ވަރުގެ ތަފާތު، މޮޅު ކުޅުންތެރިއެއް ކަމަށް މިދިޔަ އަހަރު އީގަލްސް އަށް އިރުޝާދު ދިނުމަށް ފަހު، އަލުން އަނެއްކާ ވެސް އެ މަގާމާ ހަވާލުވި އީގަލްސްގެ ކޯޗު އިހުސާން ޢަބްދުލްޣަނީ (ސާންތީ) ބުނެފި އެވެ.

ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި އިއްޔެ ހަވީރު ވީބީ އަތުން އީގަލްސް 1-1 ލަނޑުން އެއްވަރުވި މެޗަށްފަހު ނޫސްވެރިނާ ވާހަކަ ދައްކަމުން ސާންތީ ބުނީ، އާއްކޮ އަދިވެސް ހުރީ އިންޖަރީގައި ކަމަށާއި އޭނާ އަކީ ކުރިއަށް އޮތްތާގައި ތަފާތު މޮޅު ކުޅުންތެރިއަކަށް ވާނޭ ކަމަށެވެ.


"އާއްކޮ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ރާއްޖޭގެ މުސްތަގްބަލްގައި މީހުން އޭނަގެ ވާހަކަ ދައްކާނެ ވަރުގެ ކުޅުންތެރިއެއް. އޭނާ ހުރީ އަދިވެސް އިންޖަރީގައި. އެކަމަކު މިހާރު މަޑުމަޑުން އޭނާ ރިކަވާ ވަމުން ދަނީ. އޭނާ ކުރިއަށް އޮތްތާގައި ތަފާތު ވާނެ." ސާންތީ ބުންޏެވެ.


ހދ. ނޭކުރެންދޫ އަށް އުފަން އާއްކޮ ވަނީ ޖޫނިއާ ގައުމީ ޓީމަށް ކުޅެ އެންމެ ފަހުން އެކުލަވާލި ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން ނެހުރޫ ކަޕުގައި ވެސް ކުޅެފަ އެވެ.