ސްރީލަންކަން އެއާލައިންސްގެ ދަތުރުތަކުގައި، އެ އެއާލައިންގެ ބިޒްނަސް ކްލާސް ސީޓުތައް "ނީލަން" ކިޔުމުގެ ހާއްސަ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

ސްރީލަންކަން އެއާލައިންސް އިން ބުނީ އެ ކުންފުނިން ތައާރަފްކޮށްފައިވާ "އަޕް ގުރޭޑް އީ-އޯކްޝަން" ހިދުމަތަކީ އިކޮނޮމީ ކްލާހުން ޓިކެޓް ގަންނަ ޕަސިންޖަރުންނަށް ބިޒްނަސް ކުލާހުގެ ހިދުމަތްތަކަށް އަޕްގުރޭޑް ކުރެވޭ ހިދުމަތެކެވެ.

މި ހިދުމަތުގެ ދަށުން އިކޮނޮމީ ކުލާހުން ޓިކެޓެއް ގަތުމަށް ފަހު ސްރީލަންކަން އެއާލައިންސްގެ ވެބްސައިޓް މެދުވެރިކޮށް އެޓިކެޓް ބިޒްނަސް ކުލާހަށް އަޕްގުރޭޑް ކުރުމަށް ޖެހެނީ ނީލަމުގައި އަގެއް ހުށަހަޅާށެވެ.

މިހިދުމަތް މެދުވެރިކޮށް ބިޒްނަސް ކްލާސް ޓިކެޓަކަށް ވުރެ އަގު ހެޔޮކޮށް ބިޒްނަސް ކްލާސް ސީޓެއް ގަތުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ނީލަން ކާމިޔާބުކުރާ ފަރާތަކަށް އިކޮނޮމީ ކްލާސް ސީޓުގެ ބަދަލުގައި ބިޒްނަސް ކްލާހުން ސީޓެއް ލިބިގެންދާއިރު، ނީލަމުގައި ބައިވެރިވެ، ކާމިޔާބުނުވެއްޖެ ނަމަ ކުރިން ގަތް ޓިކެޓުގައި ދަތުރުކުރެވޭނެ އެވެ.

ނީލަމުން ބިޒްނަސް ކްލާސް ސީޓި ލިބުން ކަން ނުވަތަ ނޫން ކަން ދަތުރުގެ 72 ގަޑިއިރު ނުވަތަ 48 ގަޑިއިރުގެ ކުރިން އަންގާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ސްރީލަންކަން އެއާލައިންސް އިން ބުނީ މި ހިދުމަތަކީ އެ އެއާލައިންގެ ހިދުމަތްތައް ހަރުދަނާކޮށް އަތްފޯރާ ފަށުގައި ތަފާތު ހިދުމަތްތައް ދިނުމަށް އެ އެއާލައިންސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފް ކުރި އާ ހިދުމަތެއް ކަމަށެވެ.

ސްރީލަންކަން އެއާލައިންސްއަކީ ދުނިޔޭގެ 33 ގައުމެއްގައި 61 މަންޒިލަކަށް ދަތުރުކުރަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ.