ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އެ މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިސްމާއީލް އަލިމަނިކު ހަމަޖައްސަވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އިސްމާއީލް އަލިމަނިކު އެ މަގާމަށް ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ޝަފީގު ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވައި މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

އިސްމާއީލް އަލިމަނިކު ތައުލީމް ހާސިލް ކުރައްވާފައި ވަނީ ކޮލަމްބިޔާ ޔުނިވާސިޓީ، ނިއުޔޯކް އަދި އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް އެޑެލެއިޑް ގަ އެވެ. މީގެއިތުން ވޯލްޑު ބޭންކް އަދި ވޯލްޑް ބޭންކް އިންސްޓިޓިއުޓް، ވޮޝިންޓަން ޑީސީގައި އިސްމާއީލް އަލިމަނިކު ވަޒީފާ އަދާ ކުރައްވާފައި ވެއެވެ.

އިސްމާއީލް އަލިމަނިކު ސަރުކާރުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1993 ވަނަ އަހަރު ޕްލޭނިން މިނިސްޓްރީގަ އެވެ.

ސަރުކާރުގެ ޓެންޑާ ބޯޑުގެ މެންބަރެއްގެ ގޮތުގައި އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޯލްޑް ބޭންކް ގްރޫޕްގެ އޯލްޓަނޭޓިވް ގަވަރުނަރުއެއްގެ ގޮތުގައި އޭނާ ގެންދަވަނީ މިހާރު ވެސް މަސައްކަތް ކުރައްވަމުންނެވެ.