ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އާއި ހިތަދޫ ގެ ބިން ހިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މަޝްރޫއުތައް ހިންގަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޕްރޮޖެކްޓް ހިންގުމުން ވަކި މުއްދަތެއްގެ ތެރޭގައި ސަރުކާރުން އަގު އަދާކުރާ ގޮތަށް ކަމަށްވާއިރު ހައުސިން މިނިސްޓުރީއިން ވަނީ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް އެފުރުސަތު ހުޅުވާލާފަ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން މަރަދޫ އާއި މަރަދޫ ފޭދޫން 75 ހެކްޓަރު ބިން ހިއްކަން ޖެހޭނެ ކަމަށެވެ. އަދި ފޭދޫ އިން 41 ހެކްޓަރުގެ ބިން ހިއްކަން ޖެހޭއިރު ހިތަދޫ އިން 17.7 ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެ މަޝްރޫއު ފެށޭނެ ދުވަހެއް އަދި އެކަމަށް ހަރަދުވާނެ މިންވަރެއް ހައުސިން މިނިސްޓްރީން އިން ވަނީ ސާފްވާގޮތް ނުވެފައެވެ.