މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ގަސް ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ އެތަނުގައި ޑިއުޓީއަށް ތިބި ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ތިން ކުދިންގެ މައްޗަށް ހުކުމް އިއްވުން އަންނަ މަހަށް ތާވަލްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ތިން ކުދިންގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އެ ތިން ކުދިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އެ ތިން ކުދިންގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހުރިހާ ހެކީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފަ އެވެ. ނަމަވެސް ހެކިބަސް ލިބުނުގޮތެއް ކޯޓުން ހާމައެއް ނުކުރެއެވެ.

އެ ތިން ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ދައުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހައިކަންހާއިރު ސ. ގަމަށް އެ ރުމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަނެއް ދެ ކުދިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކޯޒުވޭ މަތީގައި ސަފަކަށް އެތުރިގެން ތިބި ސިފައިންނާއި ފުލުހުންނަށް ހަމަލާދިނުމުގެ އިތުރުން ގަން ޕޮލިސް ސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ ތިން ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ދަށުންނެވެ.

އެގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށް ވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.

މި މައްސަލައާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

ގަން ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުން ދިނުމަށް ގޮވާލާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހްމަދު މިރުޒާދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.