27 May 2013, 15:41
ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުުރުސަތު ރައީސް އޮފީހުން އަލުން މިއަދު ހުޅުވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޕޮލިސް އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ އެކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައި އެ އޮފީހުން 18 އޮކްޓޯބަރ 18، 2012 ގައި ކުރައްވާފައިވާ އިޢުލާން ބާތިލުކޮށް، މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެ އޮފީހުން ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކޮށްފައިވާ އިއުލާންގައިވާ ގޮތުން، އެ ފުރުސަތު ހުޅުވާފައިވަނީ، މިއަދުން ފެށިގެން ޖޫން 4ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރު ދޫކުރުމާއި ފޯމާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، ހެނދުނު 8.00 އިން މެންދުރުފަހު 3.00 އަށް އެ އޮފީހުން ކަމަށެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި ޝަހިންދާ އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި އެ ގޮނޑިއަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ ނަންފުޅު ރައީސް މުހައްމަދު ވަހީދު ވަނީ މިދިޔަ ޑިސެމްބަރު މަހު އަނބުރާ ގެންދަވަައިފަ އެވެ.