28 Oct 2010, 06:54
ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުން ވާ ވެއްދުމަށް، ސިޔާސީ ގޮތުން، ސަރުކާރު ބްރޭންޑް ކުރުމާއި ޤައުމުގެ އަގު ހުރި ބްރޭންޑްތައް މި ސަރުކާރުން، ރީ ބްރޭންޑް ކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
އަމިއްލަފުޅު ބުލޮގްގައި ތަސްމީން މިއަދު ވިދާޅުވެފައި ވަނީ، އެމްޑީޕީން ވެރިކަން ހޯދާފައި ވަނީ ގައުމު ކުރިޔަށް ގެންދާނެ ރަނގަޅު ޕްލޭނެއް ރައްޔިތުންނަށް ހުށަހެޅުމުގެ ބަދަލުގައި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައި، ފިތުނަ ފަސާދަ ކުރިޔަށް ނެރެގެން ކަމަށެވެ. އަދި މިހާރަކަށް އައިސް ބްރޭންޑް ކުރުމާއި ރީ ބްރޭންޑް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަށް ވީނަމަވެސް، މިފަދަ އޮޅުވާލުންތަކުން އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންގެ މެދުގައި މަޤްބޫލް ބްރޭންޑަކަށް ނުވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.
"ބްރޭންޑް ކުރުމަކީ އެމްޑީޕީ ފަދަ ދޮގު ވަޢުދުތަކާއި ފޮނި ވާހަކަތަކުން ރައްޔިތުންގެ އިޙްސާސްތަކާ ކުޅެގެން ވެރިކަން ހޯދާފައިވާ ޕާޓީއަކަށް ފައިދާ ހުރި ސިޔާސީ އުކުޅަކަށް ވެދާނެ. އެކަމަކު ކޮންމެ ލޭބަލެއް ބޭނުން ކުރިޔަސް، ކޮންމެ ބްރޭންޑެއް ބޭނުން ކުރިޔަސް ދިވެހި ރައްޔިތުން މި ސަރުކާރު ބަލައެއްނުގަންނާނެ. ބްރޭންޑް ކުރުމަކީ، ސަރުކާރަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާކަމެއް،" ތަސްމީނު ވިދާޅުވެފައިވެ އެވެ.
ތަސްމީން އަދި ވިދާޅުވެފައި ވަނީ "އޯގާތެރި ސަރުކާރު"ގެ ބްރޭންޑްގައި މިސަރުކާރު ރައްޔިތުންނަށް ވިއްކޭތޯ މަސައްކަތްކުރިކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމުންނާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދްމަތް ފޯރުކޮށް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅުމުގެ ސަބަބުން މިސަރުކާރުގެ "އޯގާތެރިކަން" ނިކަން ރަނގަޅަށް ހާމަވެފައިވާ ކަމަށް ވެސް ތަސްމީން ވަނީ ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ ސަރުކާރަކީ ވެސް މި ސަރުކާރުން ޕްރޮމޯޓްކުރި ބްރޭންޑަކަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އިދިކޮޅަށް ގައުމުގެ ހަރުމުދާ ވިއްކާ ސަރުކާރަކަށް، އޯގާތެރިސަރުކާރެކޭ ބުނުމުގެ ޖާގަ ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ތަސްމީނު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ބައެއް ބްރޭންޑްތައް ރީ ބްރޭންޑް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ވެސް ހަމައެކަނި ސިޔާސީ ބޭނުންތަކަށް ޓަކައި ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ރީބްރޭންޑް ކުރުމުން އެމްބީސީގެ ގާނޫނަށް ޢަމަލުނުކޮށް ކުރިޔެކޭ އެއްފަދައިން، މި ދެ ސްޓޭޝަން އެމްޑީޕީގެ ޕްރޮޕަގެންޑާ ފަތުރާ މެޝިންތަކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ސަރުކާރުން ހީކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ދިވެހިން އެކަމަކާ މެދު ފަޚްރުވެރިވާ، ދިވެހިންގެ ލޯބި ދެވިފައިވާ ކޮންމެ ކަމެއް މިސަރުކާރުން ރީ ބްރޭންޑް ކުރަން އުޅޭ ކަމަށާއި، ކިތަންމެ ގޮތަކަށް ބްރޭންޑްކޮށް ރީ ބްރޭންޑް ކުރިޔަސް މިސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށާއި، މި ސަރުކާރަށް ރައްޔިތުންގެ ބަލަދުވެރިޔަކަށް ނުވެވޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ސަރުކާރުގެބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.