ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންނަށާއި ފުލުހުންނަށް ވޯޓުލުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި އެގޮތަށް އެދިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތަށް އެދެން ޖެހުނީ އެދުވަހުގެ ހާލަތު ދިމާވާ ގޮތުން ފުލުހުން އަދި ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ދާންޖެހިދާނެތީ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"މިސާލަކަށް އެދުވަހުގެ ހާލަތު ބަދަލުވާ ގޮތަކުން މުލަކު އަތޮޅުގައި ހުންނަ ފުލުހަކު އައްޑޫއަށް ދާން ޖެހިދާނެ. އަދި ހަމަ މީހަކު ކުރާ ކުށަކުން އެމީހާ ހުރިރަށް ނޫން އެހެން ރަށަކަށް ފޮނުވާލަން ޖެހިދާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މިކަމާބެހޭ ގޮތުން އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވީ އެކަމުގައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި އެކަމުގައި ގޮތެއް ހަމަޖައްސައި ދެވޭނީ ގާނޫހެދި މީހުންނަށް ކަމަށެވެ.