ރާއްޖެ ގެނެސްގެން މިދުވަސްކޮޅު ވިއްކަމުން ގެންދާ ގޮދަން ފުށް ޝިޕްމަންޓްގެ ތެރެއިން ބައެއް ފުށް ބަސްތާތަކުގައި އުކުނާއި ފަނި ހުރިކަން ކަށަވަރުވެފައިވާ ކަމަށާއި އުކުނާއި ފަނި އަދި ހިލަ ފަދަ އެއްޗެއްް ހުރެއްޖެނަމަ އެފަދަ ފުށް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީީން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ފުޑް އެލާޓެއްގައި ބުނެފައިވަނީ ގޮދަން ފުށުގައި ހިލަ ނުވަތަ ވެލި ފަދަ އެއްޗެހި ހުރި ކަމަށް ބުނެ އެ އޮތޯރިޓީއަށް ކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން މާލޭގައި ފުށް ގެންގުޅޭ ގުދަންތަށް އިސްޕެކްޓްކޮށް ފުށުގެ ސާންޕަލްތައް ތަހުލީލު ކުރަމުން ގެންދާ ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިހާތަނަށް ކުރި ތަހުލީލުން މިއަހަރުގެ މާޗް މަހުގައި އުފައްދައި ސެޕްޓެމްބަރު މަހަށް މުއްދަތު ހަމަވާ (ސިޕްމަންޓް ނަމްބަރު ޕީ.އޯ 4500003103 ފުށް) ފުށުގައި ހިލަ ނުވަތަ ވެލިފަދަ އެއްޗެއް ހުރި ކަމަށް ނުދައްކާ ކަމަށެވެ. އަދި ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ގޮތުގައި ފުށުގައި ހުރީ ގޮދަން ތޮށިފަދަ އެއްޗެހި ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

"މިކަމަކީ ފުށް ޕްރޮސެސް ކުރުމުގައި ދިމާވެފައިވާ ކަމެއް ކަމަށް ބެލެވެ އެވެ. ފުށަަކީ އޭގެ ޒާތުގައި ހިމުންކޮށް ހުންނަންޖެހޭ އެއްޗެކެވެ. ނަމަވެސް މިގޮތަށް ރާޅުކޮށްހުރުމަކީ އޭގެ ސަަބަބުން ސިއްހަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމެއް ނޫން،" އެ އޮތޯރިރީން ނެރެފައިވާ އެލާޓް ނޯޓްގައިވެ އެވެ.

މި ފުށް ޝިޕްމަންްޓްގެ ފުށުގައި އުކުނާއި ފަނި ހުރިކަން ކަށަވަރުވެފައިވާ ކަމަށާއި އެފަދަ އެއްޗެއް ހުރިކަން އެނގިއްޖެ ނަމަ އެ ފުށް ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.