27 May 2013, 13:50
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާ މެންބަރު އަހްމަދު ޝަރީފް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމައިފި އެވެ.
ޕީޕީއެމް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ، ޝަރީފް މިއަދު ވިދާޅުވީ ރައީސް ވަހީދު ޕާޓީއާ ގުޅިވަޑައިގަތުމަށް އޭނާ މިހާރު ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމު އިންތިޒާމްތައް އެ ޕާޓީން ހަމަ ޖައްސަވާނެ ކަމަށެވެ.
"އަޅުގަނޑު ރައީސް ވަހީދު ޕާޓީއާ ގުޅުމަށް ނިންމައިފިން. ދެން އެ ޕާޓީން ނިންމާނެ އެކަމުގެ އިންތިޒާމްތައް،"
ޝަރީފް ވިދާޅުވީ އޭނާ ރައީސް ވަހީދުގެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމީ އޭނާ ތަމްސީލް ކުރައްވަމުން އަންނަ ދާއިރާ އަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރެވޭނީ ރައީސް ވަހީދުގެ ޕާޓީއާ ގުޅިވަޑައިގެން ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ރައީސް ވަހީދު ޕާޓީއާ ގުޅިގެން ކަމަށް އަޅުގަނޑުގެ ދާއިރާއަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރެވިގެންދާނީ. އަޅުގަނޑު މިއަދު މި ނިންމީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ ގުޅުމަށް ނިންމީ،"
ޝަރީފް ވަނީ ރައީސް ވަހީދުގެ ގެކޮޅު ކަމަށްވާ މއ. ޔުރޭކާގައި ހުންނަ އެ ޕާޓީ އޮފީހަށް މިއަދު ހެނދުނުވަޑައިގެންފަ އެވެ.