ރައްޔިތުންގެ މަޖިލީހުން މިދިޔަ މާޗް މަހު ފާސްކުރި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން (ސީއައިސީ) އަށް މެމްބަރުން އައްޔަން ނުކުރެވި ލަސްވަމުންދަނީ މުސާރަ ދޭނެ ބަޖެޓެއް ނެތުމުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ އެ ކޮމިޝަނަށް މަޖިލީހުން މެމްބަރުން އައްޔަންކުރި ނަމަވެސް މެމްބަރުންގެ މުސާރަ މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިނުވާ ކަމަށެވެ.

"ތިކަމާ ގުޅިގެން އެ ބޭފުޅުންގެ މުސާރަ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ. އަދި އެ ބޭފުޅުން އައްޔަންކުރެވޭނީ މަޖިލީހުން ބަޖެޓް ފާސްކޮށްގެން ކަމަށް މަޖިލީހަށް ވެސް ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރެއްގެ މުސާރައިގެ ގޮތުގައި އަހަރަކު 400،000ރ. ރުފިޔާ ހަރަދުވާ ކަމަށެވެ.

ސީއައިސީގެ މެންބަރެއްގެ އަސާސީ މުސާރައަކީ 32500ރ. އެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އަހަރީ ޕްރިމިއަމްގެ ގޮތުގައި 10،000ރ. ލިބޭނެ އެވެ. އަދި ކޮމިޝަންގެ ރައީސަށް 37،500ރ. ލިބިވަޑައިގަންނަވާ އިރު، ނައިބު ރައީސްއަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. ޖުމްލަ ކޮންމެ މެންބަރަކަށް އަހަރަކު 412،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ކޮމިޝަންގެ ރައީސްއަށް އަހަރަކު 472،000ރ. ލިބޭނެ އެވެ. އަދި ނައިބު ރައީސް އަށް އަހަރަކު 448،000ރ. ލިބޭނެ އެވެ.

މެއި 11، 2011 ވަނަ އަހަރު ތަސްދީގު ކުރެއްވި ކަސްޓަމްސް ގާނޫނުގައި ބުނެފައިވާ ފަސް މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވުމުން އެ ނަންތައް ދިރާސާ ކުރުމަށް ފަހު ފާސްކުރެއްވީ ހ. އާޒާދެވާދީ ވިޒާދު އަލީ ވިޒާދު އަލީ އާއި ގ. އަތަ ޔޫސުފް މާނިއު މުހައްމަދާއި ގއ. ކަނޑުހުޅުދޫ ބްރޫރޯޒް ޖިހާދާ އަނީސާއި މާލެ ދަފްތަރު ފަރީޝާ އާދަމްއަށް އާއި ގ. އަލީއާބާދު، ފާތުމަތު ޝަމްވީލާ އެވެ.

"އެ ފަސް ބޭފުޅުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތުމުން ރައީސް އެ ބޭފުޅުން އައްޔަން ނުކުރައްވައި އޮތީ. ބަޖެޓް ފާސްވިހާ އަވަހަކަށް އައްޔަންކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ކޮމިޝަނުގެ މެމްބަރަކު މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރި ފަހުން ކަމާ ބެހޭ ފަރާތްތަކުގެ އެއްވެސް ހަބަރެއްނުވާ ކަމަށެވެ. އަދި މަޖިލީހުން ރުހުން ދިންކަން ރަސްމީކޮށް އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އައްޔަންކުރަން ފާސްކުރުމާ އެކު ކުރިން ތިބި މަގާމުތަކުން ވަނީ ވަކިވެފައި. އޭރު ހިއެއްނުކުރަން އައްޔަން ކުރަން މިހާ ގިނަ ދުވަސް ނަގާނެ ކަމަށް. ވަޒީފާ އިން ވަކިވުމުން އެހެން މުސާރައެއް ނުލިބުމުން ވަރަށް ދަތިތައް ކުރިކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.

އެ މެމްބަރު ވިދާޅުވީ އެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވާ އިރު މުސާރަ ދެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން އައްޔަންކުރަން ނަން ފޮނުވާއިރު ސަރުކާރަށް އެނގެންވާނެ މުސާރަ ދޭން ޖެހޭނެކަން. ކީއްވެތޯ މިއަހަރު ބަޖެޓް ފާސްކުރަން ފޮނުވިއިރު މުސާރަ ހިމަނާފައި ނެތީ. އަޅުގަނޑުމެން އައްޔަންނުކޮށް ލަސްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.