27 May 2013, 12:38
ހދ. ކުޅުދުއްފުށީ ޕީޕީއެމްގެ އަސުރުމާ ގޮފީގެ ޒުވާނުންގެ މެމްބަރު ގައުމީ އިއްތިހާދު ޕާޓީ އަށް ސޮއިކޮށްފި އެވެ.
ޕީޕީއެމްގެ އަސުރުމާ ގޮފީގެ މެމްބަރު މުޖުތަބާ އަހުމަދު ގައުމީ އިއްތިހާދަށް ސޮއިކޮށްފައި ވަނީ އިއްޔެ ރޭ އެ ރަށުގައި ހުންނަ ގައުމީ އިއްތިހާދުގެ އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ.
މުޖުތަބާ ބުނީ ރާއްޖޭގައި ސިޔާސީ މާހައުލު މިހާރު އޮތް ގޮތުން އެންމެން ވެސް ބޭނުން ވަނީ ގިނަ ސިޔާސީ ލީޑަރުންތަކެއް އަދި ގިނަ ބަޔަކު ގޮވައިގެން ލީޑުކުރާނެ ސިޔާސީ ވެރިއެއް ކަމަށް ދެކޭ ކަމަށާއި އެކަންކޮށްދެވޭނީ ރައީސް ޑރ. މުހައްމަދު ވަހީދު އަށް ކަމަށެވެ.
"އަޅުގަނޑު ޕާޓީ ބަދަލުކުރީ ރައީސް ޑރ. ވަހީދު އެކު ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރަން ބޭނުންވެގެން، ގަބޫލެއް ނުކުރަން 2013ގައި ރިޔާސީ އިންތިހާބް ޕީޕީއެމަށް ގެންދެވިދާނެ ކަމަކަށް، އަޅުގަނޑު ދެކޭ ގޮތުގައި މިރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ފިކުރަކީ ރައީސް ވަހީދުގެ ކޯލިޝަންގެ ފިކުރު،" މުޖުތަބާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޕީޕީއެމްގެ އަސުރުމާ ގޮފީގެ ޒުވާނުންގެ ތިބޭ ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރު ގައުމީ އިއްތިހާދާއި ގުޅިވަޑައިގެންފައިވާ އިރު އަނެއް މެމްބަރު މިހާރު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިފަ އެވެ.