27 May 2013, 12:34
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާއި ޔޫ އެން ހެބިޓެޓް ގުޅިގެން ސްކޫލް، ހޮސްޕިޓަލް ފަދަ އިމާރާތްތަކަށް ގުދުރަތީ ގޮތުން ދިމާވެދާނެ ނުރައްކާ ދުރާލާ ދެނެގަންނާނެ ޓޫލްކިޓެއް ތައާރަފްކޮށްފި އެވެ.
ކަސްޓަމްސް ބިލްޑިންގްގެ މީރު ބަހުރު މާލަމުގައި މިއަދު ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން އެ ޓޫލްކިޓް ތައާރަފްކޮށްދެއްވީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް އެވެ.
މިއަދު ތައާރްފަ ކުރި އެ ޓޫލްކިޓާ ގުޅޭ ގޮތުން ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑައިރެކްޓަރު ހިޝާން ހަސަން ވިދާޅުވީ ރާއްޖޭގައި އިމާރާތްކޮށްފައި ހުރި ސްކޫލް، ހޮސްޕިޓަލް ފަދަ ތަންތަނަކީ ސަލާމަތީ ގޮތުން ރައްކާތެރި ފެންވަރަކަށް ހަދާފައި ހުރި އިމާރާތްތަކެއްތޯ ދެނެގަތުމުގެ ގާބިލްކަން އެ ޓޫލްކިޓުގައި ހުންނާނެ ކަމަށެވެ.
"ރާއްޖޭގައި އިމާރާތް ކޮށްފައި ހުރި ސްކޫލް، ހޮސްޕިޓަލް ފަދަ ތަންތަނަކީ ސޭފްޓީ އަށާއި، ހެޒަޑްސް ރިސްކަށް ކިހާވަރަކަށް ބެލިގެން ހެދިފައި ހުރި ތަންތަންތޯ މި ޓޫލްކިޓް ބޭނުންކޮށްގެން ބަލާލެވޭނެ. މި ޓޫލްކިޓް ސްކޫލް، ހޮސްޕިޓަލް ފަދަ ތަންތަނަށް ފޯކަސް ކުރިޔަސް ރާއްޖޭގައި ހަދާފައި ހުރި އެހެން އިމާރާތްތައް ހަދާފައި ހުރީ ގުދުރަތީ ކާރިސާތަކުން ރައްކާތެރި ވެވޭފަދަ ފެންވަރެއްގައި ތޯ ބެލޭނެ،" ހިޝާން ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ތައާރްފު ކުރި އެ ޓޫލްކިޓް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ނޭޕާލްގައި ކަމަށާއި އެ ގައުމުގެ 8000 އަށް ވުރެ ގިނަ ސްކޫލް، ހޮސްޕިޓަލް ފަދަ ތަންތަނުގައި އެ ޓޫލްކިޓް ބޭނުން ކުރި ކަމަށް ވެސް ހިޝާން ވިދާޅުވި އެވެ.