މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިން ފަށަން ހަމަޖައްސާފައި އޮތް ތާރީހަށްވުރެ 17 ދުވަސް ކުރިން އެ މުބާރާތް ފެށުމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަނުން ނިންމައިފި އެވެ.

ނޭޕާލްގައި ބާއްވާ އެ މުބާރާތް މިހާރު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިން އެ މުބާރާތް ފެށުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ، މުބާރާތް އަވަސް ކުރަން ޖެހުނީ މުބާރާތް ކުރިން ބާއްވަން އޮތް ދުވަސްވަރާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސަރަހައްދީ ކުލަބުތައް ކުޅެން ޖެހޭ މެޗްތައް އޮންނަ ދުވަސްވަރާ ދިމާވާތީވެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް މިއަދު ވިދާޅުވީ، މުބާރާތް އަވަސް ކޮށްފައިވާ ކަމުގެ މައުލޫމާތުއެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެގޮތުން މިފަހަރުގެ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގަށް ދަތި ނުވާކަހަލަ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް ގައުމީ ޓީމް ފަރިތަކުންތައް ރަސްމީކޮށް ފަށާނެ ތަރީހެއް ހާނިމް ވިދާޅުވެފައެއް ނުވެއެވެ.

ހާނިމް ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕް ކުރިން ބާއްވަން އޮތް ތާރީހަށްވުރެ، އަވަހަށް މުބާރާތް ބާއްވަން ނިންމީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިޔާގެ އީސްޓް ބެންގާލް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެން ޖެހެނީ ސެޕްޓެމްބަރު 17 އާއި 24ގައި ކަމަށް ވާތީވެ ކަމަށެވެ. އަދި އޭއެފްސީ ޕްރެޒިޑެންޓްސް ކަޕުގައި ނޭޕާލްގެ ތްރީ ސްޓާ އާއި ޕާކިސްތާނުގެ ޗެމްޕިއަން ޓީމު ވާދަ ކުރަން ޖެހެނީ ސެޕްޓެމްބަރު 17 އާއި 24ގައި ކަމަށް ވާތީވެ ކަމަށް ވެސް ހާނިމް ވިދާޅުވިއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނޭޕާލްގައި ބާއްވާ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމަށް ފަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 1997 ވަނަ އަހަރު ބޭއްވީ ނޭޕާލްގަ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ރާއްޖެ އަތުން މޮޅުވެ ތަށި އުފުލާލީ އިންޑިއާ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އަފްގާނިސްތާން ބަލިކޮށް ހޯދީ ވެސް މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިޔާ އެވެ.