27 May 2013, 11:55
އައްޑޫ ސިޓީ ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސިފައިންގެ މީހަކަށް އަނިޔާވެއްޖެ އެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ސިފައިންގެ މީހެކެވެ.
ފުލުހުން އޮފިޝަލް މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ރޭ ގާތްގަނޑަކަށް 11:30 އެހާކަންހާއިރު ލިންކްރޯޑު ކުނިކޮއްޓާ ހަމައިން ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް އެމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ބައިސްކަލްގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްގައި ސައިކަލްގައި އިން 40 އަހަރުގެ މީހާގެ އުޅަނބޮއްޓާއި އަރިކަށި މަށައިގެން ގޮސް، މޫނުމަތީގެ ވައާތްފަރާތް ދުޅަވެފައިވާ އިރު ބައިސްކަލްގައި އިން 48 އަހަރުގެ މީހާގެ ފައި ވެސް މަށައިގެން ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ސަން އަށް ވިދާޅުވީ އެކްސިޑެންޓް ހިނގި އިރު ސައިކަލްދުއްވި މަރަދޫ ޒިޔާރަތްފަންނުގޭ، މޫސާ ސާއިމް 40، އަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެކްސިޑެންޓަށް ފަހު ހޮނޑުލެވޭތީ އޭނާ އަދި އޮތީ އެޑްމިޓްކޮށްފައި ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ލިބިފައިވާ އަނިޔާތަކަށް ފަރުވާދީފައިވާ އިރު އެތެރެ ހައްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން އެނގޭނީ ޑޮކްޓަރުން ޓެސްޓްތައް ހެއްދެވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިފައިންގެ މީހާ ދުއްވި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާ އިރު އެކްސިޑެންޓް ހިނގި ވަގުތު އެމީހާ ވެސް ސައިކަލާ އެކު ކަހާލައިގެން އެތައް ފޫޓެއް ދުރަށް ގޮސްފައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. އަދި ސައިކަލުން ޖެހި އެކްސިޑެންޓްވި ބައިސްކަލް ވެސް އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
"އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާ ވަނީ ސައިކަލާ އެކު ކަހާލައިގެން އެތައް ފޫޓެއް ދުރަށް ގޮސްފައި،" އޮފިޝަލް ވިދާޅުވި އެވެ.
ހިތަދޫ ލިންގްރޯޑްގައި ރޭ ހިނގި އެ އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ އިރު އިއްޔެ ހަވީރު ހިތަދޫ ތެރޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން ދިޔަ ކާރަކުން ޖެހި ވެސް ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާއަށް އެކިވަރުގެ އަނިޔާލިބުމާ ގުޅިގެން އޭނާ އަށް ވެސް އަންނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އަދި އެމީހާ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަކުން ބުންޏެވެ.