މޯލްޑިވިއަނުން އދ. މާމިގިލީ އެއާޕޯޓަށް ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވިލާއިން ހިންގާ މާމިގިލީ އެއާޕޯޓަށް މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ ހަމައެކަނި ވިލާ އެއާގެ "ފްލައިމީ" އެވެ.

ވައިގެ ދަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ މޯލްޑިވިއަންގެ ފުރަތަމަ ކޮމާޝަލް ފްލައިޓް މިއަދު މާމިގިއްޔަށް ޖައްސާފައިވާ ކަމަށެވެ.

"ޝެޑިއުލް ދަތުރުތައް ފެށުމުގެ ކުރިން ކުރަން ޖެހޭ ތައްޔާރީތަކެއް އެބަހުރި. އެކަންތައް ހަމަޖެއްސުމަށްފަހު ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ މާމިގިއްޔަށް މިއަދު ފުރަތަމަ ކޮމާޝަލް ދަތުރުކުރި ނަމަވެސް، އެ ތަނަށް ކުރާ ޝެޑިއުލް ދަތުރުތަކުގެ އަގުތަކެއް އަދި ކަނޑަނައަޅާ ކަމަށެވެ.

"މިއަދު މިދިޔައީ ސްޕެޝަލް އެރޭންޖްމަންޓެއްގެ ދަށުން. އަޅުގަނޑުމެން މަސައްކަތްކުރަނީ ދިވެހިންނަށާއި ޓޫރިސްޓުންނަށް އަމާޒުކޮށްގެން ދަތުރުތައް ކުރަން،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ މާމިގިއްޔަށް ދަތުރުތައް ނުފެށި ލަސްވީ، އަލަށް ހުޅުވި އެއާޕޯޓަކަށްވުމާއެކު ބައެއް ކަންތައްތައް ތައްޔާރުނުވެ ހުރުމުން ކަމަށެވެ.

"ދަތުރުތައް ފެށުމުގެ ކުރިން އެތަނުގެ ގްރައުންޑް ހޭންޑްލިންއާއި ޓިކެޓް ވިއްކުން ފަދަ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ. އޭގެ އިތުރުން އެއާޕޯޓުން ވާންޖެހޭ ތައްޔާރީތަކަށް ވަގުތުކޮޅެއް ނެގީ،" ހާރިސް ވިދާޅުވި އެވެ.