ގައުމުގައި އަންހެނުންގެ ރޯލު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފި އެވެ.


އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ އަންހެން ބޭފުޅުންނާ ދަރުބާރުގޭގައި މިރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް އަދި އެމްޑީޕީގެ އެންމެ އިސްވެރިޔާ ނަޝީދު ވިދާޅުވީ ގައުމަށް ދިމާވެފައިވާ ދަތިތަކުގެ އެންމެ ބޮޑު ސިއްރަކީ މަސައްކަތް ކުރުމުގެ މާހައުލުގައި އަންހެނުނަށް އޮތް ފުރުސަތު ހަނިވުމުން ކަމަށެވެ.


 "ހަމަ ކަށަވަރުން ގައުމެއް ތަރައްގީވެގެނެއް ނުދާނެ އެ ގައުމެއްގެ އެންމެހާ މީހުން އެ ތަރައްގީގެ މަސައްކަތުގައި ޝާމިލުވެ ބައިވެރިވެގެން މަސައްކަތް ކުރިއަށް ގެންދެވިގެން ނޫނީ. އަޅުގަނޑުމެންނަށް މިރާއްޖޭގައި ބޭނުން ކުރެވެން އޮތީ އިންސާނީ ވަސީލަތުގެ ދެބައިކުޅަ އެއްބައިކަމަށް ދެކެވިއްޖެ ނަމަ މި ރާއްޖެ އިން ހޯދޭނީ ވެސް މި ރާއްޖޭގެ މުއްސަނދި ކަމުގެ ހަމަކަށަވަރުން ދެބައިކުޅައެއްބައި. އެހާލުގައި އަޅުގަނޑުމެން މިތީ. މި ދަތީގައި އަޅުގަނޑުމެން ހޭދަކުރާން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ހަމަ އަންހެނުންނަށް އެކި އެކި މަސައްކަތްތަކުގައި ފުރުސަތު ހަނިވެފައިވީ ކަން" އެމްޑީޕީގެ އެންމެ އިސްވެރިޔާ ނަޝީދު ވިދާޅުވި އެވެ.


ގައުމީ ތަރައްގީގައި އަންހެނުން ބައިވެރިކުރަން ޖެހޭނެ ކަމަށާއި، ތަރައްގީގައި އަންހެނުން ބައިވެރިކުރުމަށް ޓަކައި ސިޔާސީ މަގާމުތަކުގައި އަންހެނުން ތިބުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ.


"ގިނަބައިވަރު އަންހެނުން ގޭގައި އިންނަ އިނުން އެއީ އެ މީހުންގެ އަމިއްލަ ރުހުމާއެކީގައި ހިނގަމުން އަންނަ ކަމެއް ކަމަށް އަޅުގަނޑަށް ދެކެން ދަތި. އަންހެނުންނަށް ގެއިން ނުކުމެވޭނެ ގޮތެއް އަންހެނުންނަށް ގައުމީތަރައްގީގައި ބައިވެރިވެނޭ ގޮތްތަކެއް މަގުފަހިވާން އެބަ ޖެހޭ. ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އެއް ވާޖިބަކީ ސިޔާސީ މަގާމުތަކަށް މީހުން ތައްޔާރުކުރުން. ރާއްޖޭގެ ތަރައްގީގައި އަންހެނުން ބައިވެރި ކުރުމަށް ޓަކައި ސިޔާސީ މަގާމުތަކުގައި ހަމަ އެ މިންވަރަށް [ އަންހެނުން] ތިބެން އެބަ ޖެހޭ."


އަންހެނުންނަށް ފިރިހެނުންނާ ވާދަކޮށްގެން ސިޔާސީ މަގާމުތަކަށް އާދެވުމަކީ ނުވާނެ ކަމެއް ކަމަށް ވިސްނައިގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.