27 May 2013, 11:49
ރާއްޖޭގެ ތަކެތީގެ އަގުތައް ނުވަތަ އިންފުލޭޝަން ރޭޓް އަހަރެއް ތެރޭގައި 4.38 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން މިއަދު އާންމު ކޮށްފައިވާ އެންމެ ފަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޭޕުރީލް މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 4.38 މަތީގަ އެވެ. މާޗް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފުލޭޝަން ރޭޓަށް ބަލާ އިރު އެއަދަދު ވަނީ 4.17 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް މައްޗަށްގޮސްފައިވާ ބައިތަކަށް ބަލާ އިރު މަހުގެ ބައިގެ އިންފްލޭޝަން ވަނީ 16.12 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި އޭޕްރީލް މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ކޯބޯތަކެތީގެ ބައިގެ އިންފުލޭޝަން ރޭޓް 7.30 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ސިއްހީ ހިދުމަތްތަކުގެ ބައިން ވެސް އޭޕްރީލް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް ވަނީ 7.66 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ބައިން އިންފުލޭޝަން ރޭޓް 2.37 ޕަސެންޓް މަތިވެފައިވާ އިރު އަންނައުނާއި ފައިވާނުގެ ބައިން ވެސް ވަނީ އަހަރު ދުވަހުގެ ތެރޭގައި 4.76 ޕަސެންޓް އިންފުލޭޝަން ރޭޓް މައްޗަށް ގޮސްފަ އެވެ.
އޭޕްރީލް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ދުންފަތުގެ ބައިން 2.30 ޕަސެންޓް ދަށަށް ދިޔުމާއި މުއާސަލާތީ ހިދުމަތުގެ ބައިން 0.97 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ކުޅިވަރާއި ސަގާފީ ކަންތައްތަކުގެ ބައިން ވެސް ވަނީ 1.47 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މިދިޔަ އޭޕްރީލް މަހަށް ބަލާ އިރު ރާއްޖޭގައި އެންމެ އަގު މައްޗަށް ގޮސްފައި ވަނީ މޭވާތަކުގެ ބައިންނެވެ. އެގޮތުން އެބައިން 2.43 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ގޭތެރޭގައި ހިފާގެންގުޅޭ ސާމާނުގެ ބައިން 1.23 ޕަސެންޓް އަދި އެއްގަމު މަހުގެ ބައިން 0.79 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.