ވީބީ އައްޑޫ އެފްސީގެ ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި އެކުލަބަށް އިތުރު ބިދޭސީ ކުޅުންތެރިއަކު ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެކުލަބުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ކުލަބު އީގަލްސްއާއި ވީބީ އެކެއް އެކަކުން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނަޒީހު ބުނީ އަންނަ މަހު 10 ވަނަ ދުވަހު ޓްރާންސްފާ މާކެޓް ހުޅުވުމުން އެކުލަބަށް ބިދޭސީ ކުޅުންތެރިއަކާއި އެކު އިތުރު ތިން ކުޅުންތެރިން ގެނެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އެބަ އުޅެން އިތުރު ކުޅުންތެރިން ހޯދަން. މާޒިޔާއިން ދޫކޮށްލި ބިދޭސީ ކުޅުންތެރިޔާ ހޯދުމުގެ މަސައްކަތްވެސް އެބަކުރަން. ދެން ހަމަ ވެލެންސިޔާއިންވެސް ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް އެބަ ކުރަން، މިމެޗުތަކުގައި ނުފެންނަ ކުޅުންތެރިއެއް،" ވީބީގެ ކޯޗު ބުންޏެވެ.

މާޒިޔާއިން ދޫކޮށްލި ބިދޭސީ ކުޅުންތެރިޔާ ކަމަށް ނަޒީހު ފާހަގަ ކުރި ކުޅުންތެރިއަކީ މިސީޒަންގައި އެ ކުލަބުގެ މިޑްފީލްޑަރަކަށް ކުޅެމުން އައި މިސްރުގެ ކުޅުންތެރިއެއް ކަމަށްވާ، އިސްލާމް މުހައްމަދު ޒަކީ ސަރްހާން އެވެ. މާޒިޔާއިން ވަނީ، ޒަކީއާއި އެކުލަބުގެ ފޯވަޑަކަށް ކުޅުނު އެމެރިކާގެ ލަޑުއެލް ސަމޯރާ ޕީޓާ މިދިޔަ ހަފުތާގައި ފޮނުވާލާފަ އެވެ.

ކުލަބު ވެލެންސިޔާގެ ސްކޮޑުން މިހާރު ނުފެންނަ ކުޅުންތެރިއެއްކަމަށް ނަޒީހު ފާހަގަ ކުރި ކުޅުންތެރިޔަކީ ސަންއަށް ލަފާ ކުރެވޭ ގޮތުގައި ކުރިން ވީބީގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އަދި މި ސީޒަންގައި ވެލެންސިޔާއަށް ބަދަލުވުމަށްފަހު އެކުލަބާ ދެމެދު ޖެހުނު މައްސަލަ ތަކަކަށްފަހު މިހާރު ކުލަބާ ދުރުގައި ހުރި ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލު ގާސިމް (ބޮންޑާ) އެވެ. ސަންއަށް މީގެ ކުރިން ދިން އިންޓަވިއު އެއްގައި ބޮންޑާ ވަނީ ދެކުލަބަކުން އޭނާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށް ބުނެފައެވެ. އަދި އޭގެ ތެރޭގައި ވީބީ ވެސް ހިމެނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.