ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނަމުގައި ވަގު ޓްވިޓާ އެކައުންޓެއް ބަޔަކު މީހުން ހަދައިގެން އުޅޭ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެފްއޭއެމްގެ ނަމުގައި ވަގު ޓްވިޓާ އެކައުންޓެއް ބަޔަކު ހަދައިގެން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި ހާނިމްގެ ނަމުގައި ވެސް ވަގު ޓްވިޓާ އެކައުންޓެއް ބަޔަކު ހަދައިގެން އުޅޭ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

"އެފްއޭއެމްގެ ނަމުގައި ބަޔަކު މީހުން އަންނަނީ ވަގު ޓްވިޓާ އެކައުންޓެއް ހަދައިގެން އެފްއޭއެމް ބަދަނާމު ކުރަމުން. އަޅުގަނޑުމެންނަށް އެމައުލޫމާތުތައް މިހާރުވަނީ ލިބިފައި،" ހާނިމް ވިދާޅުވިއެވެ.

ހާނިމް ވިދާޅުވީ، އެފްއޭއެމްގައި ރަސްމީ ޓްވިޓާ އެކައުންޓެއް އެއިދާރާއިން އަދި ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް އެފްއޭއެމްގެ ރަސްމީ ޓްވިޓާ އެކައުންޓެއް ވަރަށް އަވަހަށް ހެދުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެފްއޭއެމްގެ ރަސްމީ ވެބްސައިޓުވެސް އޮޕަރޭޓް ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ނަމުގައި ރަސްމީ ޓްވިޓާ އެކައުންޓެއް ނެތް ނަމަވެސް މިހާރުވެސް އެފްއޭއެމްގެ ރަސްމީ ވެބްސައިޓުގައި "famaldivescom@"ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ލިންކު ކޮށްފައި ހުރެއެވެ.