މިސްކިތުގައި ނަމާދުކުރަން ހުރި މީހެއްގެ ދަބަހެއް ފޭރިގަނެގެން ފިލަން އުޅުނު މީހަކު ހިފެހެއްޓުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފި އެވެ.

ރޭ އިސްކަންދަރު މިސްކިތުގައި އިޝާނަމާދު ކުރަން ހުއްޓައި ދަބަސް ފޭރިގަނެގެން ދަނިކޮށް ދަބަހުގެ ވެރިމީހާ ނަމާދަށް ހުރުމަށް ފަހު އޭނާ ފަހަތުން ގޮސް ވަނީ އެމީހާ ހިފަހައްޓައިފަ އެވެ. އަދި އެ ސަރަހައްދަށް ގިނަ މީހުން އެއްވެ ފޭރުނު މީހާ ހިފައްޓައި އޭނާ ފުލުހުންނާ ހަވާލުކުރިތަން އެ ވަގުތު އެތަނުގައި ހުރި ސަންގެ ނޫސްވެރިޔަކަށް ވަނީ ފެނިފަ އެވެ.

ދަބަހުގެ ވެރިމިހާ ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ މިސްކިތުގެ ތަނބެއްކައިރި ދަބަސް ބަހައްޓާފައި ދަބަސް ކައިރީ ނަމާދުކުރަމުން ދަނިކޮން މީހަކު ދަބަސް ފޭރިގަތީ ސަޖިދަށް ދަނިކޮން ކަމަށެވެ.

ދަބަހުގެ ވެރިމީހާ ބުނީ އެ ދަބަހުގައި އޮތީ 22500.ރގެ ކެމެރާއެއް ކަމަށާއި ދަބަސް ފޭރިގަތް މީހާ ހިފެހެއްޓުމަށް ފަހު ދަބަސް ދިނުމަށް ބުނުމުން ދަބަހަކީ އެމީހާގެ އެއްޗެއް ކަމަށް ބުނެ ދަބަސްހިފައިގެން ފިލަން އުޅުނު ކަމަށެވެ.

އެެ ވަގުތުން އެ ސަރައްދަށް އެއްވެ ފޭރުނު މީހާ ވަށަލައިގެން ގިނަ ބަޔަކު ތިއްބައި ފުލުހުން ވަނީ އެ ސަރައްދަށް ގޮސް އެމީހާ ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.

ދަބަހުގެ ވެރިފަރާތުން ފުލުސް އޮފީހަށް މައްސަލައިގެ ބަޔާން ދިނުމަށް ފަހު ބުނީ އެ މިސްކިތުން ތިން މީހެއްގެ ދަބަސް ފޭރިގެންފައިވާ ކަމުގެ މައްސަލަ ފުލުހުނަށް ރިޕޯޓްކޯށްފައިވާ ކަމަށާއި އޭނާގެ އިތުރުން އެހެން މީހަކު ވެސް އެ މިސްކިތުން ދަބަހެއް ގެއްލިގެން ރޭގައި ވެސް ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.